ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅުންހުރި 104 މައްސަލައެއް މިދިޔަ ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 104 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަތައް އެ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަށްކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 27 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މިނިސްޓަރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް އިހުމާލުވުމުގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 06 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ ހުށަހެޅިފައިވައިވާ ކަމަށެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލައެއް ކަމަށް ތަފާސްހިސާބުން ދަށްކައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.