ދިވެހި ބަހުގެ އެކަޑަމީ އާއި ވީޓީވީ ގުޅިގެން ބިދޭސީންނަށް އަމާޒުކޮށްގެން ރަމަޟާން މަހު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިއަދު އޮތް ރަސްމިއްޔާތުގައި މުބާރާތުގެ އެއްބަސްވުން ރަމްޒުކޮށްދޭ ލިޔުމާއި މުބާރާތުގެ ގަވާއިދު ވަނީ ހަވާލުކޮށްފައެވެ.

ދިވެހި ބަހުގެ އެކަޑަަމީން ވީނިއުސްއަށް މައުލޫމާތު ދެމުން ބުނީ "ބިދޭސީން ދިވެހި ބަހުން ވާހަކަ ދެއްކުން 2022"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ބައިތަކަކާއިއެކު، ބިދޭސީން ދިވެހި ބަހުން ވާހަކަދެއްކުން، ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވީޓީވީ އާއި ގުޅިގެން އެ އެކަޑަމީގެ ފަރާތުން ގެނެސްދޭ ޕްރޮގްރާމެއް ކަމަށެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކަޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ މުބާރާތުގެ މައިގަނޑު މަގްސަދަކީ ބިދޭސީން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން ދިވެހިންނަށްވެސް ބަހަށް އަހުލުވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ފޮޓޯ: ވީނިއުސް

ޑރ. އަޝްރަފް ވިދާޅުވީ ބަސްބޭނުންކުރުމުގައި ބިދޭސީންގެ ކިބައިގަ ހުރި އުނިކަންތައް ރަނގަޅުކޮށްދެވޭނީ ސަރުކާރުގެ މުއައްސަސާއެއްގެ ބައިވެރިވުން އޮވެގެން ކަމަށެވެ.

"ބިދޭސީން އަޅުގަނޑުމެން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރިކަމުގައި ވީނަމަވެސް މީގަ ހަގީގަތަކީ ބިދޭސީންނާއެކު ދިވެހިންވެސް ރީތި ބަހުން ވާހަކަދެއްކުން. އެހެންވީމަ ބަސް ބޭނުންކުރުމުގައި ހުރި މައްސަލަތަކާއި، ހުރި އައިބުތަކާއި އުނި ކަންތައްތައް، ބަސް ބޭނުންކުރުމުގައި ބިދޭސީންގެ ކިބައިގަ އެހުރި އުނި ކަންތައްތައް ރަނގަޅުކޮށްދެވޭނީ މިކަހަލަ ސަރުކާރުގެ މުއައްސަސާއެއް އޭގަ ބައިވެރިވެ، އެމީހުންނާ ހިސާބަށް އެކަންކަން ކޮށްދޭން ނިކުމެގެން. އެހެންވީމާ ވާދަވެރި، ޝައުގުވެރި، ބަޔަކާ ހިސާބަށް މައުލޫމާތުތަކެއް ގެނެސްދެވޭނެ ޕްރޮގްރާމެއްގެ ގޮތުގައި އުއްމީދު މިކުރަނީ ވަރަށް ކާމިޔާބު ވާނެ ކަމަށް. އިރާދުކުރެއްވިއްޔާ ވީޓީވީއާއި އެކުގަ ގުޅިގެން މިކުރެވޭ މަސައްކަތުން ދިވެހިންވެސް ދިވެހިބަސް އިތުރަށް ދަސްކުރާނެ. އަދި ބިދޭސީންވެސް އެމީހުންގެ ބަސް ބޭނުންކުރުމުގައި ހުރި އުނިކަންތައްތަކާއި އައިބު ކަންތައް އިސްލާހު ކުރުމަށް ފުރުސަތު ލިބިގެންދާނެ."
ޑރ.އަޝްރަފް ޢަބްދުއްރަޙީމް

މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް، އަދި ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު ތިންވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ ލިބޭގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތުގައި ޖުމްލަ 5 އެޕިސޯޑް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ ދިވެހިބަހުގެ ދާއިރާއިން ވަަރަށް ފުންނާބު އުސް ތިން ބޭފުޅުންނެވެ. އެއީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަންވަރު އިބްރާހިމް އަދި އައިމިނަތު ހަސަނެވެ.

މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފަނޑިޔާރު އަންވަރު ވިދާޅުވީ، ބަހުގެ ހަމަ ހިފެހެއްޓޭނެ ތަފާތު ސެގްމަންޓްތަކެއް ހިމަނައިގެންކަމަށެވެ.

"މިސާލަކަށް ވާހަކަދެއްކުން އެއީ ބައެއް ނުވަތަ ބަހުސްކުރުން އެއީ ބައެއް އޭގެ އިތުރުން ބަހުގެ ހަމައިގަ ހުރުން، އޮތުން، އިނުން، ބެހެއްޓުން، ބޭންދުން، ބޭއްވުން، މިކަހަލަ ވަރަށް އާދައިގެ ކުދި ކުދި ބައެއް ސުވާލުތައް. ބައެއް ފަހަރަށް ކުއިޒެއްގެ ގޮތުގައި ހިނގައިދާނެ ތަސްވީރު ދައްކާފަ އެ ތސްވީރުގައި އެ ފެންނަ އެއްޗެއްގެ ނަން ކިޔުއްވަފާނެ. އެހެންވީމާ ބިދޭސީންގެ ބަސްމަގު އެހުންނަ ގޮތުން ބައެއް ފަހަރަށް އަޅުގަނޑުމެން ބަސް ބޭނުންކުރާ ލަފްޒުތައް ބޭނުންކުރާ ގޮތަކަށް ނޫން، ބިދޭސީން ބައެއް ލަފުޒުތައް މިކިޔަނީ ނުވަތަ ކިޔެނީ. އެހެންވީމަ އެކަންކަންވެސް ރަނގަޅު ކުރެވޭނެ ހަރަކާތްތަކެއް ނުވަތަ ސެގްމަންޓްތަކެއް ހިމަނާފަ އަޅުގަނޑުމެން މުބާރާތް ރާވާފަ މިއޮތީ."
ފަނޑިޔާރު އަންވަރު އިބްރާހިމް
ފޮޓޯ: ވީނިއުސް/ ފަނޑިޔާރުންގެ ޓީމް

މި މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިކަމަށް އޮޑިޝަނެއް ބާއްވައިގެން ހޮވޭ މީހުންގެ މެދުގައި ކަމަށްވެސް ފަނޑިޔާރުންގެ ޓީމުން ބުނެއެވެ.

ބީދޭސީންނަށް އެމީހުން ގެންގުޅޭ ބެލެނިވެރި ފަރާތުން މި ފުރުސަތު ހޯދައިދިނުމަށްވެސް ފަނޑިޔާރުންގެ ޓީމުން އެދިފައިވެއެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ، މި މުބާރާތް ރާވާފައިވަނީ ހަމައެކަނި ދިވެހި ބަހުން ވާހަކަދެއްކުމުގެ މުބާރާތެއްގެ ގޮތުގައި އެކަނި ނޫން ކަމަށާއި މުބާރާތުގައި ގަވާއިދުގައި ހިމެނިފައިވާ ވަރަށް ގިނަ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"މުބާރާތުގެ ގަވާއިދަށް ބަލާއިރުގަވެސް، ގަވާއިދުގައި އެބަހުރި ބައިވަރު ކަންތައްތަކެއް އެކުލެވިފަ. އޭގެ ތެރޭގައި ގޭމާއި އެމީހުންނާއި އެކީގައި ގިނަ ކަންތައްތަކެއް ކުރުމާއި މިކަންތައްތައް އަޅުގަނޑުމެން ގެނެސްދިނުމުގައި، ޕްރޮޑަކްޝަން ރޭވުމުގައި ބަލާނީ ވީހާވެސް ބޮޑަކަށް ޕަބްލިކް އެންޓަރޓެއިން ކުރުވައިގެން ޝައުގުވެރިވާ ގޮތަކަށް ގެނެސްދެވޭތޯ."
ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން

ސީއޯއޯ ޒަހީން ވިދާޅުވީ މުބާރާތުގެ ގަވައިދުގެ ބައިތަކާއި އަދި މިކަމުގެ ތަފްސީލް ކުރިއަށް އޮތްތާނގައި ވީޓީވީގެ ޕްރޮގްރާމްތަކުގެ ޒަރީއާއިން އެނގޭނެ ކަމަށެވެ. އަދި މިމައުލޫމާތުތައް ހިއްސާކުރައްވާނީ ބަހުގެ އެކަޑަމީގެ ބޭފުޅުންކަންވެސް ޒަހީން ފާހަގަކުރެއްވިއެވެ.

ފޮޓޯ: ވީނިއުސް

ހެއްވާ މަޖާ ބައިތަކާއިއެކު ކުރިއަށް އޮތް ރަމަޟާން މަހު ގެންދާ މިމުބާރާތުގެ ހޯސްޓަކީ ސޯޝަލްމީޑިއާގައި ވަރަށް މަޝްހޫރު މީހެއްކަންވެސް ޒަހީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ހޯސްޓަކީ ކާކުކަން އަދި ވަނީ ސިއްރެއްގެ ގޮތުގައެވެ.

ދިވެހި ބަހުގެ އެކަޑަމީ އާއި ވީޓީވީ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް މީގެކުރިންވެސް ވަނީ ބާއްވާފައެވެ. އެގޮތުން އެންމެ ފަހުން ވާރޗުއަލްކޮށް ބޭއްވި އަދަބީ އީދަކީ ފާހަގަކޮށްލެވޭ މުބާރާތެކެވެ.

ޒަހީން ވިދާޅުވީ މި މުބާރަތަކީ ކާމިޔާބު މުބާރާތަކަށް ވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި، މިއީ މި ރަމަޟާން މަހު ވީޓީވީން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލު ޕްރޮގްރާމަކަށް ވާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ދިވެހި ބަހުގެ އެކަޑަމީން ލިބެން ހުންނާނެއެވެ.