މީގެކުރީން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ރައީސުލްޖުމްހޫރިއްޔާ ބޮޑުކޮށްދެއްވަން އިޢުލާނު ކުރެއްވިކަމީ ސްކޫލްތަކާއި ގުޅިފައިވާ ހުރިހާ ފަރާތްތަކަކަށް ލިބުނު މަތިވެރި އުފަލެއް ކަމަށް ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މި އަހަރުގެ މޭމަހުން ފެށިގެން ޓީޗަރުން ހިމެނޭހެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވުމުންނެވެ.

ރައީސްގެ އެ ނިންމެވުމަށް ތައުރީފުކުރައްވައި ވަޒީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މިއަހަރުގެ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް މިއަންނަ ހެޔޮ ބަދަލަކީ ތާރީޚީ ބަދަލެއް ކަމަށެވެ.

އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވަން. މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ދިވެހިރާއްޖޭގެ ތަރައްޤީ އާ. މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބޭން. ޝުކުރިއްޔާ ރައީސް.
އައިޝަތު ޢަލީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ރިޔާސީ ވަޢުދެއް ކަމަށެވެ.

އެހެންކަމުން، އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމަކާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ޓީވަރުންގެ މުސާރައަށް ލިބޭނެ 56 ޕަރސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އާއަހަރަށް ހުޅުވައި ދެއްވައި މިއަދު ހެނދުނު މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައި ދެއްވިިއރު، ރައީސް ރިޔާސީ ބަޔާން އިއްވަވަން 56 މިނިޓު ހޭދަކުރެއްވިއެވެ.

މިއަދު އިއްވެވި ބަޔާނީ ބަރުލަމާނީ ހަޔާތުގެ 54 ވަނަ ރިޔާސީ ބަޔާނެވެ. އަދި ރައީސް ޞާލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.