ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އޯޝަން 50|6 ހަރަކާތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މި ހަރަކާތް އިފްތިތާހް ކޮށްދެއްވައި މެޑަމް ފަޒްނާވިދާޅުވީ މި ހަރަކާތް އެންމެން ޝާމިލުވާގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިކަމުގައި ޝާމިލުވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން މެޑަމް ފަޒްނާ ފާހަގަކުރެއްވިއެވެ.

މެޑަމް ފަޒްނާ ވިދާޅުވީ މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތު ވެސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތަކަށް ވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ މުހިންމު ހަރަކާތެއްކަން ކިޔައިދީ އަދި ދައްކުވައިދޭން ޖެހޭ ކަމަށެވެ.

އަދި ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދިންނަށް އަންގައިދިނުމުގެ މުހިންމުކަން މެޑަމް ފަޒްނާ ފާހަގަކުރެއްވިއެވެ. އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ.

މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޑައިވިން ކޮމިއުނިޓީ އާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގު ތަނަވަސް ވެގެންދާނެއެވެ.