ދެ ކޮމަންޑޫގުޅާލުމުގެ ހުއްދަ އޭރު ދެއްވިނަމަ އަމިއްލަ ޚަރަދުގައިވެސް އެކަން ކުރައްވަން ހުންނެވީ ތައްޔާރަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްފޭނަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކޮމަންޑޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ދެންތިބި ދެ ބޭފުޅުންނަކީވެސް ވަރަށް އިހްތިރާމްކުރައްވާ އަދި ވަރަށް ގާތް ދެބޭފުޅުންކަމަށާއި އެހެން ނަމަވެސް ދާއިރާއަށް ލާބައާއި މަންފާ ކުރާނެ ފަދަ ފެންވަރެއް ހުރި ބަޔަކު ކުރިންވެސް އަދި މިހާރުވެސް ވެރިކަންކުރާ ކޯލިޝަނުގައި މެނުވީ ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

ފޮޓޯ: ޓުވިޓަރ

އެފަދަ ކަމެއް ކޮށްދެއްވާފައިވާ ބޭފުޅަކު ހުންނެވިޔަސް ހުންނެވީ މިސަރުކާރުގައިކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އެފަދަ ލަޔާގަތާއި ގާބިލުކަން ހުރި ބޭފުޅުން އެބަތިއްބެވިކަމަށެވެ.

ގާސިމް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމަށް ކުރީ ސަރުކާރުގައި ގާސިމް އެދިވަޑައިގެން ކަމަށާއި އެހެން ނަމަވެސް އެކަން ކުރުމަށް އެމަނިކުފާނަށް އެ ފުރުސަތު ދެއްވާފައި ނުވާކަމަށެވެ.

" މިއީ އަޅުގަނޑު 2004 ވަނަ އަހަރު ނޫނީ 2008 ވަނަ ދެއްކި ވާހަކައެއް ދެކޮމަންޑޫ އެއްކޮށްދޭ ވާހަކަ. އެދުވަހު އޮތް ސަރުކާރުން ހުއްދަދެއްވިނަމަ އަޅުގަނޑު މިހިރީ އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި ޑްރެޖަރު ހިފައިގެން އައިސް އެކަން ކޮށްދޭށޭ. ކިތައް އަހަރުތޯ މިވީ ބައްލަވާ ލައްވާ. ހުއްދަ ނުދެއްވުމުގެ ސަބަބުން ނުކުރެވިފަ އޮތީ. މިއަދު ހުންނެވި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި، އަޅުގަނޑުމެންގެ ކޯލީޝަން ސަރުކާރުން އެކަން ކޮށްދެއްވަން ނިންމެވީތީ އަޅުގަނޑު މިހިރީ ފުރިއުތުރި އަރާފައޭ އިނގޭތޯ."
ޖުމްހޫރީ ޕާޓީގެ ލީޑަރގާސިމް އިބްރާހިމް

ދެ ކޮމަންޑޫ ގުޅާލުމަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އުޅެމުންގެންދާ ދަތިހާލުން އަރައިގަތުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވި މުހިންމު ފިޔަވަޅެއް ކަމަށާއި މިކަމުގެ ޒިކުރާ ތާއަބަދަށް އެމީހުން ކުރަމުންގެންދާނެކަންވެސް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ރައީސް ސޯލިހަށް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.

ފޮޓޯ: ޓުވިޓަރ

ގާސިމް ވަނީ މިއަދު ހެނދުނު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެއީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވެވި ބޭފުޅުން އިއްވެވި ބަޔާންތަކުގެ ތެރެއިން މިއަދު ރައީސް ސޯލިހް އިއްވެވި ބަޔާނަކީ އެންމެ ފުރިހަމަ ބަޔާން ކަމުގައިވެސް ވިދާޅުވިއެވެ.

"އެކަން ކުރެވޭނީ ދިވެހި ރައްޔިތުން މިއަދު އޮތް ސަރުކާރަށް، މިއަދުގެ ރައީސުލްޖުމުހޫރިއްޔާއަށް ފުރިހަމަ ތާއިދާ އެއްބާރުލުން އޮތް ކަން ވަރަށް ސާފުކޮށް ދައްކަވައިދީގެން. ވަރަށް ސާފުކޮށް ވަރަށް ހަރުދަނާކޮށް އެކަން ކުރެއްްވުމަށްޓަކައި މިއަދު މިދާއިރާގެ އެއްވެސް ރައްޔިތަކު އަޅުގަނޑު ކުރީގައިވެސް ދެންނެވިފަދައިން މައިންބަފައިން ކަމަށް ވިޔަސް އަދި އެއްބަނޑު ތިމާގެ މީހެއް ކަމަށްވިޔަސް މިއަދު ވޯޓްލާންޖެހޭނީ ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން މިދާއިރާގެ ތަރައްގީއަށްޓަކައި ރާއްޖޭގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން މި އިންނެވި ރާޑޯ ހޮވައިދޭން އެބަޖެހޭ." .
ޖޫމްހޫރީ ޕާޓީގެ ލީޑަރ: ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު ވަނީ ހަމައެކަނި އެ ދާއިރާގެ ތަރައްގީއަށް އެކަނި ނޫން ކަމަށެވެ. ރާޝިދަށް ވޯޓު ދޭން ޖެހެނީ ދައުލަތުގެ ކުރިއެރުމަށް ކަމަށާއި އެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ އެމްޑީޕީއަށް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެމްޑީޕީން ބޭނުންނަމަ މިހާރު ވެސް ގާނޫނޫއަސާސީ ބަދަލުކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް މުހިންމުވަނީ ގައުމުގެ ކުރިއެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާއިއެކު ށ. މަރޮށީގައި ބޭއްވި ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ރާޝިދަށް ވޯޓުލުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރާޝިދަށް ވޯޓު ދީފިނަމަ ދާއިރާ ތަނަވަސް ވެގެންދާނެ މިންވަރު ވިސްނުމަށްވެސް ގާސިމް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެފުރުސަތު ފަހިކޮށްދީގެން ކަމަށެވެ. ގާސިމް ވިދާޅުވީ އެފުރުސަތު ފަހިކޮށްނުދީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިހާބުކޮށްފި ނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެމަނިކުފާނު ވެރިކަމުން ދުރުނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވާދަވެރިކަން ކޮމަންޑޫ ދާއިރާގައި ވަރަށް ބޮޑެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ކޮމަންޑޫއަށް ވަނީ ރީނދުލާއި ފިޔާތޮށްޓާއި ނޫކުލައިގެ އީދެއް އައިސްފައެވެ.