ނ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުން ދިވެހި ތާރީހާއި ސަގާފަތާއި އާދަކާދައަށް ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތަކެއް ދިވެހި ބަހުގެ އެކެޑަމީ ފަށައިފިއެވެ.
މިއީ ނ. އަތޮޅު މަދަރުސާގެ އިސްނެގުމުގެމަތިން ދިވެހި ބަހުގެ އެކެޑަމީއާ ގުޅިގެން އެއަތޮޅުގެ ހުރިހާ ސްކޫލްތަކަށް އެފަދަ މައުލޫމާތުތައް ދިނުމަށް ހިންގާ ބައްދަލުވުންތަކެކެވެ.
ތުއްރަވާސްގެ ނަމުގައި ހިންގާ މިޕްރޮގްރާމްގައި 2017 ވަނަ އަހަރުން ފެށިގެން ވަނީ އެކިއެކި ސްކޫލްތަކުގެ ދަރިވަރުންނަށް ދިވެހި ތާރީހާއި ސަގާފަތާއި އާދަކާދައާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައެވެ.
ނ. އަތޮޅުގެ ސްކޫލްތަކަށް ކުރިއަށްގެންދަނީ ތުއްރަވާސްގެ އަށްވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވީ ބަހާއި ތާރީހާ ގުޅޭ މައުލޫމާތު ދަރިވަރުންނަށާއި އާއްމުންނަށް ހިއްސާކުރުމަކީ އެކެޑަމީގެ ފަރާތުން ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރާކަމެއް ކަމަށެވެ. ހަމައެހެންމެ އެއީ އެކެޑަމީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސެޝަންގައި 512 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.
އިއްޔެގެ ސެޝަންގައި މައުލޫމާތު ދެއްވީ ކޮމާންޑް ސާޖަންޓް މެޖާ ޢަބްދުﷲ ސައީދެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވީ ގޮތާބެހޭ މައުލޫމާތާއި ކުރީގެ އާސާރީ ތަކެއްޗާއި ތަންތަނާބެހޭ މައުލޫމާތު އަބްދުﷲ ސައީދު ދެއްވިއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ މިފަދަ ސެޝަންތަކުގެ ސަބަބުން އަތޮޅުތެރޭގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު މުއްސަދިވެ ތާރީހާއި ސަގާފަތުގެ ދާއިރާއަށް އެކުދިން ލޯހުޅުވޭނެ ކަމަށެވެ.