އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް )ގެ އިސްވެރިން ހިންގާ ނޫސްތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމާއި ބެހޭގޮތުން ފެތުރި ދޮގު ޚަބަރުތަކުގެ ނަތީޖާއަކީ ކޮބާތޯ ޤާސިމް އިބްރާޙިމްގެ އެޑްވައިޒަރ އިލްޙާމް އަހުމަދު ސުވާލު ކުރައްވައިފިއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަންވެސް ކުރެއްވި އަދި މިހާރު ޖޭޕީ ލީޑަރުގެ އެޑްވައިޒަރ އިލްޙާމް އަހުމަދު މި މޭރުމުން އިދިކޮޅު ލީޑަރުންނަށް ސުވާލު އަމާޒުކުރެއްވީ، ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ނުކުންނެވި ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ލީޑަރ ޤާސިމް އިބްރާޙިމް ތާއީދުކުރައްވައި އޭނާގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުން، ބައެއް ނޫސްތަކުގައި ފެތުރި ހަގީގަތާ ޚިލާފު ވާހަކަތަކަށް ޓްވީޓަކުން ދެއްވި ރައްދެއްގައެވެ.

ޕީޕީއެމްގެ ނާއިބް ލީޑަރުކަންވެސް އެއް އިރެއްގައި ކުރެއްވި، އިލްޙާމް މި ޓްވީޓް ކުރެއްވިއިރު، ބައި-އިލެކްޝަން މުޙައްމަދު ރާޝިދު ވަނީ ކާމިޔާބު ކުރައްވާފައެވެ.

އިލްޙާމް ވިދާޅުވީ، ބައި-އިލެކްޝަނުން ބަލިވީ ކީއްވެކަން އެންމެ ބޮޑަށް އެނގިވަޑައި ގަންނަވާނީ ހަމަ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޔާމީނަށް ކަމަށެވެ. ރައީސް ޔާމީން ބޭނުންފުޅުވަންޏާ އެ ތަފްސީލް ކިޔައިދެއްވާނެ ކަމަށް އިލްޙާމް ވިދާޅުވިއެވެ.

"މަޖިލިސް އިންތިޚާބުގައި ބަލިވީ ކީއްވެކަން އެންމެ ބޮޑަށް އެނގޭނީ ހަމަ މަނިކުފާނަށް [ރައީސް ޔާމިނަށް] ބޭނުންފުޅު ވަންޏާ ކިޔައިދީފާނަން."
އިލްޙާމް އަޙުމަދު، ޤާސިމްގެ އެޑްވައިޒަރ

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ފުރިހަމަ ތާއީދާއެކުއެެވެ.

ޖޭޕީގެ ލީޑަރ ޤާސިމް ވަނީ ރާޝިދަށް ކެމްޕޭން ކޮށްދެއްވުމަށް ކޮަމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ވަޑައިގެން ރާޝިދު އެ ގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް ކޯލިޝަން ލީޑަރެއްގެ ހައިސިއްޔަތުން ގިނަ މަސަައްކަތްތަކެއް ކުރައްވާފައެވެ.

އެމަނިކުފާނު އެ ދާއިރާއަށް ވަޑައިގަތީ ރައީސްލުޖުމްހޫރިއްޔާގެ އެޑްވައިޒަރ މުހައްމަދު ޝިހާބް އާއި ޖޭޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާވެސް އެކުއެވެ.

ފޯރިގަދަ ކެމްޕޭނަކަށްފަހު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި، ރާޝިދު މިގޮނޑި ކާމިޔާބު ކުރެއްވީ ފަރަގުބޮޑު ނަތީޖާ އަކުންނެވެ.

ފޯކައިދޫއަށް އުފަން ރާޝިދަކީ މިދިޔަ ތިން ދައުރުގައި އެރަށު ކައުންސިލްގެ ރައީސްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެއަތޮޅު ކޮމަންޑޫއާއި މަރޮށީގެ އިޖުތިމާއީ ދާއިރާއާއި، ތަރައްގީގެ ގިނަ ކަންކަމަށް ހުސެއިން ރާޝިދު މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވީ 3 ކެންޑިޑޭޓުންނެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.