ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވ.ފެލިދޫގައި "އިބަމަ" އިފްތިތާހް ކުރުމާއި އިނިޝިއޭޓިވް ޓްރެއިނިން ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދު ފެށިގެންމިދާ ތަމްރީން ޕްރޮގްރާމަކީ ވ. އަތޮޅުގެ، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ ބިންގާގެ ފެށުންކަން ޔަގީން ކަމަށެވެ.

އަދި މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގައުމަށް އުފާވެރިކަން ގެނެސްދޭނެ، އުފެއްދުންތެރި ބަޔަކަށްވުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދުގެ ސިޔާސަތަކީ، ކޮންމެ ރައްޔިތަކީ ވެސް ރައްކާތެރިކަމާ އަމާން މާހައުލެއްގައި އުޅެވޭނެ ބަޔަކަށް ހެދުން ކަމަށްވާއިރު، ރައީސްގެ ދުރު ވިސްނުންފުޅާ އެއްގޮތަށް މިއަދު ފެށިގެންމިދާ ޕްރޮގްރާމްގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ މަންފާ ކުރާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ."

މިނިސްޓަރ ވިދާޅުވީ އިޖްތިމާޢީ ބަދަހި މަދަދުވެރިންނަކީ އެރަށެއްގެ ރައްޔިތުން ކަމަށްވާއިރު، އެރަށެއްގެ އިޖުތިމާޢީ މައްސަލަތައް ދެނެގަތުމާއި، އެކަންކަމަށް ބޭނުންވާ ހައްލު އެންމެ ރަނގަޅަށް އެނގޭނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށެވެ.

އަޅުގަނޑު އަޅުގަނޑުމެންނާ ހަމައަށް ކަމެއް ހިނގިކަން މިއަންނަނީ އެކަމެއް ހިނގާ ފަހުން. ދެން އަޅުގަނޑުމެން ފޯރުކޮށް ދޭން މިޖެހެނީ ރައްކާތެރިކަން. އަޅުގަނޑު ބޭނުންވަނީ މިކަން ބަދަލުކުރަން. ކަމެއް ދިމާވުމުގެ ކުރިން އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ ރައްޔިތުންނާއި ގާތުން، އެންމެހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން. އެހެންކަމުން، އިބަމަގެ ބައިވެރިން ވެގެންދާނީ މިފަދަ އިޖްތިމާޢީ ޙާލަތުތައް މެޕް ކުރަން ތަމްރީންކުރެވޭ ފަރާތްތަކަކަށް. ތިބޭފުޅުން ވެގެން ދާނީ މުޖުތަމަޢުގައި ހުރި މިފަދަ ކަންކަން ދެނެގަންނަން ލޯހުޅުވޭ އަދި އެކަމަށް އެދެވިގެންވާ ހައްލު ހޯދަން ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ މެދުގައި އެކުލަވާލެވޭ، ރަށުފެންވަރުގެ ޓީމަކަށް. ތަރުބަވީ މުޖުތަމަޢެއް ބިނާކުރުމަށް، މި ސަރުކާރުން ކުރަމުންގެންދާ މިމަސައްކަތް ކާމިޔާބު ކުރެވޭނީ ތިބޭފުޅުންގެ މަސައްކަތުން.”
ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު

ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ކަމެއް ބޮޑުވެގެން ދިއުމުގެ ކުރިން އެކަމަކަށް ހައްލު ގެނެސްދެއްވާ ބަޔަކަށް އިބަމައިގައި ތިއްބަވާ ބޭފުޅުން ވާންވާނެ ކަމަށާއި، ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންގެ އިހްސާސްތައް ފުރިހަމަކޮށް ދެއްވާ ބަޔަކީ އިބަމަ ބޭފުޅުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިހާތަނަށް ރާއްޖޭގެ 3 ރަށެއްގައި 73 ފަރާތެއް ވަނީ އިބަމަ ޓްރެއިނިން ފުރިހަމަކޮށްފައި ކަމަށެވެ.

"އިބަމަ" ނުވަތަ އިޖްތިމާޢީ ބަދަހި މަދަދުވެރިންނަށް ޚާއްސަކޮށްގެން މިނިސްޓްރީން ތަޢާރަފް ކުރި ޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.