ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙިމަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާދޭން ސަރުކާރުން މަޝްވަރާކުރި ކަމަށް ބުނާ ޚަބަރު އެމަނިކުފާނުގެ އެޑްވައިޒަރު އިލްޙާމް އަޙުމަދު ދޮގުކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް ސަރުކާރާއި ސަރުކާރާ ގުޅުންހުރި ފަރާތްތަކަށް ފާޑުކިޔަމުން އަންނަ ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ޚަބަރު ފޭސްބުކްގައި ހިއްސާ ކުރައްވަމުން އިލްޙާމް އަޙުމަދު ވިދާޅުވީ އެއީ ދޮގު ޚަބަރެއް ކަމަށެވެ.
އަދި ދޮގު ޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަންތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ޤާސިމަށް ސަރުކާރުން ބަދަލުދޭން އުޅޭ ކަަމަށް ރިޕޯޓްކުރި ނޫހުން ބުނެފައިވަނީ، ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރާއިރު ރިސޯޓް ހިންގުމަށް އެ ކުންފުނިން ބޭނުންވާ ރަށެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ހިމެނޭ ޕެކޭޖެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަން ކަށަވަރު ވެފައިވާ ކަމަށެވެ.
2021 ވަނަ އަހަރު ސްޕްރީމް ކޯޓުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ އެއަރއާ އެއްކޮޅަށް ނިންމި ހުކުމާ ގުޅިގެން ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުންޏާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޖެނުއަރީ މަހު ހާމަކޮށްފައިވެއެވެ.
ނަމަވެސް އިތުރު ފަޅުރަށަކާއި ނުލައި އެ އެއާޕޯޓާއި ހަވާލުނުވެވޭނެ ކަމަށް ވިލާ އެއަރއިން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގެ ފަހު ދުވަސްވަރުގައި އޭރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާއި ވިލާ އެއަރ ޕްރައިވެޑް ލިމިޓެޑްއާ ދެމެދު ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދިނުމަށް ސޮއި ކުރެވިފައިވަނީ 06 ނޮވެމްބަރ 2013 ގައެވެ.
އެއްބަސްވުމުގައި ބ. މެންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ވިލާ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައިވެއެވެ. ނަމަވެސް އެގްރީމެންޓްގައި ވާގޮތުގެ މަތިން ސަރުކާރުން އެ ރަށް ވިލާއާ ހަވާލުކޮށްފައެއް ނުވެއެވެ.