ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ވ. ފެލިދޫގައި އިފްތިތާހްކޮށްފިއެވެ.

މިކަމަށްޓަކައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާހްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީއެވެ.

އިބަމަ އިފްތިތާހްކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ގާއިމްކުރެވިފައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް، ގިނަ މުއައްސަސާތައް ގާއިމްކުރެވިފައި އެބަހުރި ކަމަށެވެ.

މި އެންމެހާ މުއައްސަސާތަކަކީވެސް، އިޖުތިމާޢީ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް، ގާނޫނުގެ ތެރެއިން ޒިންމާތައް މަތިކުރެވިފައިވާ ތަންތަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ، ނާޒުކު ހާލަތަކަށް ގޮސްފައިވާ ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގައި ބެލެވޭ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމް ހިމެނެއެވެ.

އަދި އެފަރާތްތަކަކީ އިޖްތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމަށް މަސައްކަތްކުރާ އެންމެހާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި މަދަދުވެރިންގެ ގްރޫޕްތަކެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) އަކީ ދިވެހިރާއްޖޭގެ މުޖްތަމަޢުތަކުގައި ‘ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް’ ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ގާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެ) ކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

އިބަމަ އިފްތިތާހްކުރުމަށް ފަހު ފެލިދޫ ހިމެނޭހެން ތިނަދޫއާއި ރަކީދޫގެ މެމްބަރުންނަށް މިކަމާއި ގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މިސެޝަންތަކުގައި ބައިވެރިންނަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުން މަޢުލޫމާތުދީ ތަމްރީން ކުރިއަށްގެންދާނެއެވެ.

މިހާތަނަށް އދ.، ށ އަދި ފުވައްމުލަކު ސިޓީގައި އިބަމަގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާ، 73 މެންބަރުން ތަމްރީނުކޮށްފައިވެއެވެ.