އިދިކޮޅު ސިޔާސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް ދޫކޮށްލާފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ އާޒިމް މިފަދައިން މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާގައި ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އާއި ޕެޓާނިޓީ ލީވް ލިބިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ދެއްކެވި ވާހަކަފުޅުގައެވެ.

އާޒިމް ވިދާޅުވީ ބައެއް ފަނޑިޔާރުންގެ އަމަލުތައް އަދިވެސް ހުންނެވީ ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަކަށް ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން އާޒިމް ނެންގެވީ ރައީސް ޔާމީން މިނިވަންކުރި މައްސަލައެވެ. އާޒިމް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމެވި އެ ނިންމެވުމަކީ އަޖައިބުވެ އަންތަރީސްވާ ކަހަލަ ނިންމެވުމެއް ކަމަށެވެ.

ގައިމު ވެސް އަޅުގަނޑު އަޖައިބުވެ އަންތަރީސްވާ ވަރުގެ ހުކުމެއް، ސަބަބަކީ، އެ ފަނޑިޔާރުން އެބަ އިއްތިފާގުވޭ، ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ކަން، ފަނޑިޔާރުގޭގެ ކަންކަން މި ނިންމަނީ ބޭރު ފުށުުން ފެންނަން ހުރި އެއްޗެއް، މި ފެންނަން ހުރި އެއްޗެއް
ޢަލީ އާޒިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު

ބަހުސްގައި އާޒިމް އިތުރަށް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުތަކުން މި ވަރުގެ ނިންމެވުމެއް ނިންމަވާއިރު، ޚިޔާނާތުގެ ބޮޑެތި ތުހުމަތު ކުރެވޭ ބޭފުޅުން މިނިވަންކޮށް ދޫކޮށްލަން ވާނެތޯ ވިސްނަވަން ޖެހޭ ކަމަށެވެ.

އަދި މިފަދަ ނިންމެވުން ނިންމަވާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަން ޖޭއެސްސީން ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މި ގައުމުގައި ދޫކޮށްލާފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މި ފަދަ ކަންކަމާމެދު ފަނޑިޔާރުންނާއި ޖޭއެސްސީން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ދިވެހި ތާރީޚުގައި ވެސް ފެންމަތިވި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު މި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ކޯޓުން ނިންމީ ހުކުމަށް ތާއީދުކުރިއެވެ.

ނަމަވެސް، ސްޕްރީމް ކޯޓަށް އިސްތިއުނާފީ މައްސަލަ ހުށައައެޅުމުން އެ ކޯޓުން ނިންމެވީ ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރާށެވެ.