ދިވެހި މުޖްތަމައުގައި ގެވެށި އަނިޔާ އިންތިހާ ދަރަޖައަށް ފެތުރި ހިނގާއިރު އެފަދަ މައްސަލަތައް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން "ސެންސޭޝަނަލައިޒް" ކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށް އެސޯސިއޭޝަން ފޮރ ޑިމެކްރަސީ އިން ދަ މޯލްޑިވްސް(އޭޑީއެމް)ން ބުނެފިއެވެ.

އެ ޖަމުއިއްޔާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި މުޖްތަމައުގައި ގެވެށި އަނިޔާ އިންތިހާ ދަރަޖައަށް ފެތުރި ހިނގާއިރު އެފަދަ މައްސަލަތައް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން "ސެންސޭޝަނަލައިޒް" ކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެކަން ހުއްޓާލުމަށް އެ ޖަމުއިއްޔާއިން އެދޭ ކަމަށެވެ.

ފާއިތުވި ދެހަފުތާގެ ތެރޭގައި އެކަނިވެސް އަންހެނަކު ރޭޕްކުރި ޚަބަރާއި އަންހެނަކަށް އޭނާގެ ފިރިމީހާ ތޫނު އެއްޗަކުން ހަމަލާދިން ޚަބަރު މީޑިޔާއިން ރިޕޯޓްކޮށްފައިވަނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ކަމަށާއި އެފަދަ ނުރައްކާތެރި ކުށުގެ އަމަލުތަކަކީ މުޖްތަމައު ތެރޭގައި އާދައިގެ ކަމަކަށް ވުމުގެ ޖާގަ ދީގެންވާނެ ކަންތައްތަކެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ކަންކަން ހުއްޓާލުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ އެދިފައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ކޮންމެހެން އާންމުކުރަން ނުޖެހޭ ތަފްސީލް އާންމުންގެ މެދުގައި ފެތުރުމާއި، އަނިޔާ ލިބޭ މީހާ ހިމެނޭ ފޮޓޯ އަދި ވީޑިއޯ "ކްލިކް ބެއިޓް" ގެ ގޮތުގައި ބޭނުންކޮށްގެން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީސް މީޑިޔާގައި އެތަކެތި ފެތުރުން ހުއްޓާލުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ އެދިފައެވެ.

އަދި ރައްޔިތުންގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލުތައް ހިންގަމުންދާކަން އެނގޭނަމަ އަނިޔާ ލިބޭމީހުންނަށް އެހީތެރިވުމަށާއި އެމީހުންގެ ކަރާމާތް ނެގެހެއްޓުމަށް މީޑިޔާތަކުން ބާރު އެޅުމަށް ވަނީ ގޮވާލާފައެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު އެތަނަށް ހުށަހެޅުނު މައްސަލަ ތަކުގައި ގެވެށި އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 635 ފިރިހެނުންނާއި 156 އަންހެނުންވެއެވެ. މިދަރަޖައަށް ގެވެށި އަނިޔާކުރާ މީހުން ތިބިއިރު، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުން އަވަސް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް އެދޭ ކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

ޖިނާއީ އިންސާފު ގާއިމްކުރުމުގައި ހުރި ހީނަރުކަމުގެ އިތުރުން ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާ އިތުރު ވާން ދިމާވާ ގިނަ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށާއި އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި އެފަދަ އަމަލުތަކުގެ ތުހުމަތު އުފުލިފައި ތިބި ބައެއް ފަރާތްތަކަކީ ދައުލަތުގެ މަގާމުތަކުގައި މިހާރުވެސް ތިބި މީހުން ކަމަށްވެފައި އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް އޭޑީއެމުން ވަނީ ފާހަގަކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ފަދަ ބަހުރުވާ ބޭނުން ކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ ބައެއް އަމަލުތަކަކީ ހުއްދަ ކަންކަން ކަމަށާއި އަދި އެއިން ބައެއް ކަންކަމަކީ "ދީނީ ވާޖިބެއް" ކަމުގައި ދީނީ ޝިޔާރު އިއްވުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ބައެއް ފަރާތްތަކުން ޝާއިއުކޮށް އާންމު ތަންތަނުގައި ފަތުވާ ނެރެމުން ދިޔަނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ސަރުކާރާއި ދިވެހި މުޖްތަމައުގައި ބަސްވިކޭ މީހުން، ހާއްސަކޮށް ދީނީ ޝިޔާރު ފާޅުކުރާ މީހުން އަޑު އުފުލައި މުޖްތަމައުއަށް އޮންނަ އެމީހުންގެ ޒިންމާ އަދާކޮށް ހެޔޮ މިސާލު ދެއްކުން އަވަސް ކުރުމަށް އެފަދަ މީހުންގެ ކިބައިން އެ ޖަމުއިއްޔާއިން އެދޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ގެވެށި އަނިޔާ ލިބުނުކަމަށް 2021 ގައި ފާހަގަކުރެވޭ އަންހެނުންގެ ނިސްބަތް %76 ގައި ހުރި އިރު، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) ގެ 2021 ވަނަ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ "އަންހެނުންނަށް އަނިޔާ ކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ކުރެވޭ އަދަދު މަދުކަން ފާހަގަކުރެވޭ" ކަމަށެވެ.

މީގެ އިތުރުން، "އަންހެނުންގެ ހައްފުތަކާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާ" ކަމަށާއި "އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން" ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެފް.ޕީ.އޭ. ގެ ރިޕޯޓުގައި 2021 ވަނަ އަހަރު އެ މުއައްސަސާއަށް ގެވެށި އަނިޔާގެ 637 މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ އޭރިއާއިން 412 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ޖުމުލަކޮށް ރިޕޯޓު ކޮށްފައިވާ މައްސަލަތަކަށް ބަލާއިރުގައި އެފްޕީއޭ ގެ ހިސާބުތަކުގައި ޖިސްމާނީ އަނިޔާގެ 388 މައްސަލައާއި ޖިންސީ އަނިޔާގެ 90 މައްސަލަ އާއި ބަހުގެ ހަމަލާ ދިނުން ނުވަތަ ނަފްސާނީ އަނިޔާގެ 495 މައްސަލަ އާއި މާލީ ގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ 81 މައްސަލަ ހިމެނެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ އާބާދީއާއި ބިދޭސީ އާބާދީ ބޮޑު ނަމަވެސް ތަފާސް ހިސާބުގައި އެމީހުންގެ ތެރެއިން އަނިޔާ ލިބުނު މީހުންގެ ނިސްބަތް މަދުވުމުން ރިޕޯޓްކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ގަބޫލުކުރާ ކަމަށްވެސް އެސޯސިއޭޝަން ފޮރ ޑިމެކްރަސީ އިން ދަ މޯލްޑިވްސް ގެ ބަޔާނުގައި ބުނެފައިވެއެވެ.