ސަރުކާރުން ވިއްކުމަށް ހަމަޖެހިފައިވާ 1.5 ބިލިއަން ރުފިޔާގެ އަގުހުރި ޓީ-ބިލް ގަންނާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާންކޮށްފިއެވެ.

ޓީ-ބިލް ވިއްކަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ޓީބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތައް ސަރުކާރުން ދޭ ދަރަންޏެކެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އިއްޔެ އާންމުކުރި އިއުލާނެއްގައި ވަނީ މިމަހުުގެ 13 ވަނަ ދުވަހު ހަތަރު މުއްދަތެއްގެ ޓީ-ބިލް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އިތުރު ވާނެއެވެ.

ޓީ-ބިލްތައް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހެއެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުގައި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ހަރަދުތައް ހަމަޖެއްސުމަށް މިއަހަރު އަހަރު 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގަން ޖެހެއެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ދަރަނި ފޫބެއްދުމަށް ރާއްޖޭގެ އެކި ފަރާތްތަކުން ދަރަންޏަށް 5.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ފަރާތްތަކުން 7.5 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާނެއެވެ.