"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިނަމުގައި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) ލިޔުއްވާފައިވާ ފޮތް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ ނެރެދެއްވައިފިއެވެ.

ހޯމަ ދުވަހު ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ފުރަތަމަ ވެސް މިފޮތް ހުޅުވާލުމާއިއެކު ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެދުނު ކަމަށާއި، މިފޮތް ލިޔުއްވި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) އަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ.

އަދި މި ފޮތަކީ ވަރަށް މުހިއްމު ފޮތަކަށްވާއިރު، ސްކޫލު ނިމޭ ކޮންމެ ކުއްޖަކަށްވެސް ތާރީޚާއި ބެހޭ މަޢުލޫމާތު މިފޮތުގެ ޒަރީއާއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ފޮތެއް ދިރޭނީ އެފޮތް ބޭނުންކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފޮތަކީ ފެލިދު އަތޮޅަށް، މިމިޖުތަމައުއަށް ބޮޑުވާ ކުދިންނަށް އަތޮޅުގެ މަޢުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނު ގޮތް ދަސްވެ، ކުދިންގެ ގައިގައި މިފަދަ އަސާސްތައް އަށަގެންނެވުމަށްޓަކައި ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިފޮތަކީ ފެލިދު އަތޮޅުގެ ތާރީޚާއި ވަރަށް ގިނަ މަޢުލޫމާތު އެކި ދުވަސްވަރު މަތިން އެއް ކުރުމަށްފަހު ލިޔެފައިވާ ފޮތެކެވެ.

ފޮތުގައިވާ މުހިއްމު ބައިތަކަށް ބަލާއިރު ފެލިދު އަތޮޅަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މަޢުލޫމާތާއި، ވ. އަތޮޅުގެ ގުދުރަތީ ސިފަތަކާއި ބެހޭ ތަފްސީލީ މަޢުލޫމާތު، އަދި ވ. އަތޮޅުގެ އެދުވަސްވަރުގެ އިޤްތިސާދާއި، މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިއްމު ކަންކަމާއި ބެހޭ މަޢުލޫމާތުގެ އިތުރުން ތާރީޚީ ގޮތުން ފެލިދު އަތޮޅުގެ ކަންކަން ދައްކުވައިދޭ ފޮޓޯތަކާއި އަދި އެ ނޫންވެސް މުހިއްމު ވަރަށް ގިނަ ތާރީޚީ ވާހަކަތައް ވަނީ ހިމަނުއްވާފައެވެ.

މިފޮތަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.