ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލައި މާލޭ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ބުނެފިއެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1000 ޕާކިން ސްލޮޓް ވިއްކަން ސިޓީ ކައުންސިލުން ނިންމީ މާލޭގަ ހަތަރު ފުރޮޅުލީ ވެހިކަލަށް ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދިނުމުގެ ގޮތުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރީން ނެރުނު ބަޔާނެއްގައި ބުނީ، އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ.

ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ގާއިމުކުރާ ތަންތަނުގެ ލޭންޑް ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން ކުރުމުގެ ޖާގަ މާލޭ ސިޓީ ކައުންސިލަށް އެބައޮތް ކަމަށްވެސް މިނިސްޓްރީންގެ ބުނެއެވެ.

އެފަދަ ހުށަހެޅުމެއް އަދި ހުއްދައަކަށްވެސް އެދިފައި ނުވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލައި މާލޭ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރީން ބުނީ މަގުމައްޗަކީ ހުރިހާ ރައްޔިތުންވެސް ބޭނުން ކުރާ ތަނަކަށްވާއިރު، މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިހުތިޔާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށެވެ.

އަދި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރައްޔިތުންގެ މެދުގައި ތަފާތުކުރަން ސިޓީ ކައުންސިލަށް މިކަމުގައި އަމަލުކުރުމަށް ޖާގަ ނުދޭނެ ކަމަށްވެސް ބުނެއެވެ.