އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި މިއަދު ވޯޓްލަމުން އެބަ ގެންދެއެވެ.

މިއީ، އިންޑިއާގެ ސްޓޭޓްތަކުގެ އިންތިޚާބުތަކުގެ ސިލްސިލާގެ ފުރަތަމަ އިންތިޚާބެވެ. އަދި މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަގްބޫލްކަން ރައްޔިތުންގެ ތެރޭގައި ހުރި މިންވަރު ހާމަވެގެންދާނެ އިންތިޚާބެއް ކަމަށް މީޑިއާއިން ބުނަމުން ގެންދެއެވެ.

ގާތްގަނޑަކަށް ބްރެޒިލްގެ އާބާދީއާ އެއްވަރުގެ އާބާދީއެއް އޮންނަ އުއްތަރް ޕްރަދޭޝްގެ އިންތިޚާބު، މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ކާމިޔާބު ވެއްޖެނަމަ ބީޖޭޕީއަށް އެ ސްޓޭޓްގެ ވެރިކަން އަނެއްކާވެސް ކަށަވަރުވާނެއެވެ.

ހަމަ އެއާއެކު، އުއްތަރް ޕްރަދޭޝްގެ އިންތިޚާބު ކާމިޔާބު ކުރުމަކީ، 2024 ވަނަ އަހަރު އޮންނަ އިންޑިއާގެ ޕާލަމެންޓް އިންތިޚާބު ކާމިޔާބުކޮށް ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުވުމަށް ބީޖޭޕީއަށް އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމެކެވެ.

އުއްތަރް ޕްރަދޭޝްގެ އިތުރުން، އިތުރު 4 ސްޓޭޓެއްގައި މިމަހު އިންތިޚާބު ބާއްވާނެއެވެ. މިއިން އެއްވެސް ސްޓޭޓަކުން ބީޖޭޕީ ބަލިވުން ވެގެންދާނީ މޯދީގެ ސަރުކާރަށް ކުރިމަތިވާނެ އިތުރު ނާއުންމީދަކަށެވެ.

ސްޓޭޓްތަކުގެ އިންތިޚާބު ބާއްވަންފެށި މި ދަނޑިވަޅަކީ، ވަޒީފާ ނެތްމީހުންގެ ނިސްބަތް މަތިވުމާއި، ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ސަރުކާރު ވަރަށް ދޯދިޔާ ކަމަށްބުނެ އެތައް ބައެއްގެ ނުރުހުން ކުރިމަތިވެފައިވާ ދަނޑިވަޅެއްވެސް މެއެވެ.

ބީޖޭޕީއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވާއިރު، މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްއަށް އޮތް ފުރުސަތުވެސް ހަނިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަދު ވޯޓްލާންފެށި އުއްތަރް ޕްރަދޭޝްއާއި، މިމަހު ވޯޓްލާން ފަށާ އިތުރު 3 ސްޓޭޓުންވެސް ކޮންގްރެސްއަށް މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ނުބެލެވޭއިރު، ކޮންގްރެސް ކުރިހޯދާނެ ކަމަށް ޚިޔާލު ހޯދުންތަކުން ދައްކަނީ ހަމައެކަނި ޕަންޖާބް ސްޓޭޓްގައެވެ.

މިފަހަރުގެ އިންތިޚާބުން ކޮންގްރެސްއަށް ބޮޑެތި ކުރިއެރުންތަކެއް ނުލިބިއްޖެނަމަ ރާހުލް ގާނދީގެ ލީޑަރޝިޕާމެދު އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދިގެންދާނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އުއްތަރް ޕްރަދޭޝްއާއި، އުއްތަރަޚަންދު ސްޓޭޓްގައި ބީޖޭޕީން ވަރުގަދައަށް ކެމްޕެއިން ކޮށްފައިވަނީ ހިންދޫންގެ ދީން ހަތިޔާރަކަށް ހަދައިގެންނެވެ. އެ ސްޓޭޓަކީވެސް ހިންދޫންނާއި މުސްލިމުންގެ މެދުގައި އަރާރުންތައް ހިނގާ ދެ ސްޓޭޓެވެ.

ޚިޔާލު ހޯދުންތަކުން ދައްކަނީ، އުއްތަރް ޕްރަދޭޝްއާއި، އުއްތަރަޚަންދު ސްޓޭޓްގެ އިންތިޚާބުވެސް ބީޖޭޕީން ކާމިޔާބުކުރާނެ ކަމަށެވެ.

ކޮންގްރެސްއާއި އިދިކޮޅު އެހެން ޕާޓީތަކުން ބުނަމުންގެންދަނީ ބީޖޭޕީގެ "ހިންދޫ ފަރސްޓް" އެޖެންޑާގެ ސަބަބުން އިންޑިއާގައި ދީނީ ނުތަނަވަސްކަން އުފެދޭ ކަމަށާއި، މާޒީގައި ބޮޑެތި ލޭއޮހޮރުވުންތައް ހިނގާފައިވަނީވެސް އެކަމުގެ ސަބަބުން ކަމަށެވެ.

މިއަދު ވޯޓްލާންފެށި އުއްތަރް ޕްރަދޭޝްގެ އާބާދީއަކީ 200 މިލިއަނެވެ. ހަތް ފިޔަވައްސަކަށް ބަހާލައިގެން ވޯޓްލާއިރު، އެ ސްޓޭޓްގައި ވޯޓްލައި ނިމޭނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ.

މިމަހު ވޯޓްލާން ފަށާ އެހެން ސްޓޭޓްތަކަކީ، އުއްތަރަޚަންދުގެ އިތުރުން، މަނީޕޫރު، ގޯއާ އަދި ޕަންޖާބެވެ.