ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރަން ފުރުސަތު ދެވޭނީ ކްރިމިނަލް ކޯޓުގެ ގާޟީންގެ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެމެރިކާ ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މިމައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ ފާއިތުވި ޖެނުއަރީ މަހުއެވެ.

އަޑުއެހުންތައް ލައިވްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި އެދިފައިވާއިރު، ވަސީލަތްތައް ނެތްކަމަށް ވިދާޅުވެ ގާޟީ ޝަކީލް ވަނީ ޝަރީއަތް ލައިވްކުރެވެން ނެތްކަމަށް ނިންމަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މީގެކުރިން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ލައިވްކުރަން މީޑިތާކަށް ހުޅުވާލި ފުރުސަތެއްގެ އިއުލާނެއް ފާހަގަ ކުރައްވާފައެވެ.

އޭރު އެފުރުސަތު ހުޅުވާލީ އެމައްސަލައަކީ ދައުލަތުގެ ފައިސާއާއި ގުޅުން ހުރި މައްސަލައަކަށް ވުމުންނާއި އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށާއި، މިހާރު ހިނގަމުންދާ ޝަރީއަތަކީ ވެސް އެފަދަ މައްސަލައަކަށް ވީހިނދު މިމައްސަލައިގެ އަޑުއެހުން ލައިވްކުރުމުގެ ފުރުސަތު މީޑިއާތަކަށް ދެއްވުމަށް ޑރ. ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުންވެސް އެކަމަށް ތާއީދުކޮށްފައިވާއިރު، ގާޟީ ޝަކީލް ވިދާޅުވީ ކުރިން ނެރުނު އިއުލާނަކީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނެރުނު އިއުލާނެއް ކަމަށާއި، ދެންވެސް އެގޮތަށް ކަނޑައެޅޭނީ ގާޟީންގެ މަޖިލީހުން ނިންމައިގެން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމުގެ މަރުހަލާއެވެ.

ދައުވާގައި ސާފު ނުވާކަންކަން ހުރިކަމަށް ވިދާޅުވެ ދައުލަތަށް ގިނަ ސުވާލުތަކެއް ރައީސް ޔާމީންގެ ފަރާތުން އަމާޒުކުރައްވާފައި ވާއިރު، ދައުލަތުން އެއަށް ޖަވާބުދާރީވުމުން ރައީސް ޔާމީން ވަނީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާފައެވެ.

ދައުލަތުން ދެއްކެވި ވާހަކަތައް އެމަނިކުފާނަށް އިވިވަޑައިގެންނެވި ކަމަށާއި އެއިން އެއްވެސް ކަމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން، ދެ ދައުވާގައިވެސް ކުށުގެ އަމަލާއި، އަމަލުކުރި ވަގުތާއި، އަމަލު ހިންގި ގޮތާއި، ދައުވާގައި ބަޔާންކުރާ ނުފޫޒު ފޯރުވަން ކުރި އަމަލާއި އެއަމަލުގެ ތަފްސީލް ނެތްކަން ދިފާއުން ވަނީ ފާހަގަކޮށްފައެވެ.

މަނީލޯންޑަރިންގެ ދައުވާގައި ދައުލަތުން ބުނީ ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރެއްވި ފައިސާއަކީ ކުށުގެ ފައިސާއެއްކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ ފައިސާ އެކިއެކި އެކައުންޓްތަކަށް ބަދަލު ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލަން ހިންގި އަމަލެއް ކަމަށެވެ.

ދެފަރާތުގެ ވާހަކަތަކަށް ފަހު، އިސް ގާޟީ ޝަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހަވާލާދީ ދައުލަތުން ދައުވާ ސާފު ކޮށްދޭން ކުރަންޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ކަނޑައަޅުއްވައިފައެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ އިތުރުން، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރުމަށްވެސް ޕީޖީން ވަނީ ފޮނުވާފައެވެ.

މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ޕީޖީގެ އޮފީހުން މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.