އެލްޖީއޭގެ އިސްވެރިންނާ ބައްދަލުކުރައްވާ ބިންވިއްކަނީ ނޫންކަން އޮޅުންފިލުވައިދީފައި ވާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އެެކި އިދާރާތަކުން އެދޭ ހުރިހާ ކަމެއްގައި އެކައުންސިލުން ފުރިހަމަ އެއްބާރުލުން ދިނަސް، ކައުންސިލްގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި، އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރުން އެކި އިދާރާތަކުން އެދޭ ކަންކަމުގައި ހިފެހެއްޓުމެއްނެތި ވަރަށް ބޮޑަށް އެއްބާރުލުން ދީގެން މަސައްކަތްކުރާ ބައެއް. އަދި އެހެން އިދާރާތަކަށް ވެސް އެގޮތަށް އެއްބާރުލުން ދެން. ޓްރާންސްޕޯޓް މިނސްޓްރީއާވެސް ގުޅިގެން މަސައްކަތްކުރަނީ އެކަމަކު ރޭގަ މިފެނުނީ އެއްވެސް ކަހަލަ ކަމެއްގައި އަޅުގަނޑުމެންނާ މަޝްވަރާކުރުމެއް ނެތި އެ ބޭފުޅުން ބަޔާނެއް މިނެރުނީ އޭގަ އަދި ހަގީގަތާ ޚިލާފު ވާހަކަތައްވެސް މިހިރީ ބިން ވިއްކާ ވާހަކަޔާ ސްލޮޓް ވަކި މީހަކަށ ބިން ލިބޭ ވާހަކަޔާ. މިކަހަލަ ޒިންމާދާރު ކަމެއް ނެތި ނެރެފައި އޮތް ހަގީގަތާ ޚިލާފު ކަން ކަން ހިމެނޭ ބަޔާނެއް އެއީ. އެލްޖީއޭން ވެސް ސިޓީއެއް ފޮނުވީ. އެލްޖީއޭން ފިނުވި ސިޓީގައިވެސް މިއޮންނަނީ ބިން ވިއްކަނީއޭ. އެކަމަކު އަޅުގަނޑުމެން އެބޭފުޅުންނަށްވެސް މިއަދު ގޮސް ބައްދަލުކޮށްފަ ވަރަށް ސާފުކޮށް ކިޔައިދީފަ. އެބޭފުޅުންނަށް މިހާރު ގަބޫލު ކުރެވޭ ދެންމެ އަޅުގަނޑުމެން މީޑިއާއަށް މިހިއްސާކުރިގޮތަށް ހިއްސާކުރީ އެބޭފުޅުންނަށް މިހާރު އެނގިއްޖެ އަޅުގަނޑުމެން މިކުރަނީ ކޮންކަމެއް ކަން."
މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

އެއީ މަހު ފީ ނަގާ ގޮތަށް ކުއްޔަށްދޭ ޕާކިން ޖާގަތަކަކާއި ދިގު މުއްދަތަކަށް ފައިސާ ދައްކާގޮތަށް ދޫކުރާ ޕާކިން ޖާގަތަކެކެވެ. އެއީ ބިން މިލްކުކުރެވޭ ގޮތަށް ދޫކުރާ ޖާގަތަކެއް ނޫންކަން ޔަގީންކޮށްދެއްވި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކީ ޕާކިން މައްސަލަ ކަމަށެވެ.

މިމައްސަލަ ހައްލުކުރުމަށް މާލޭގައި ޕާކިން އިމާރާތްތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަންތަން އެޅުމަށް ވަގުތު ނަގާނެތީވެ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ދިމަދިމާލުން ޕާކް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕާކިން މައްސަލައަށް ވަގުތީގޮތުން ހައްލެއް ގެނެސްދިނުމަށް މަގުމަތީގައި އާއި ހުސްބިންތަކުގައި ޕާކްކުރެވޭނެ ފުރުސަތު ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އުސޫލެއް ފާސްކޮށް މާލޭގެ މަގުމަތީގައި އާއި ހުސްބިންތަކުގައި ޕާކް ކުރެވޭނެ ގޮތަށް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގަރާޖު ސިޓީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޭން ހުޅުވާލި ޕާކިން ސޮލޮޓް ލިބޭ މީހަކަށް އެ ސްލޮޓުގައި އެމީހާގެ ވެހިކަލް ރަޖިސްޓަރީކުރުމުގެ ފުރުސަތު ދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަަމަށެވެ.

އެއީ އެމީހާއަށް އެ ބިންކޮޅު ލިބުން ނޫން ކަމަށާއި ނުވަތަ ބިން ވިއްކާލުން ނޫންކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އުޅަނދުތައް ޕާކް ކުރުމަށް މާލެއިން ބިން ވިއްކަން ކައުންސިލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ތަކުރާރުކޮށް މޭޔަރު ވިދާޅުވިއެވެ.