މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ.

އެގޮތުން އިއްޔެ އޮތް އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވާފައިވާއިރު، ދައުލަތުން ބުނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިރު، އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމަނިކުފާނަށް 33،000 ޔޫއެސް ޑޮލަރު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ދައުވާއަށް އިންކާރުކުރައްވަމުން މިނިސްޓަރު މަހުލޫފްގެ ފަރާތްޕުޅުން ފަރާތްޕުޅުން ދިފާއީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ އެމުއާމަލާތަކީ ވިޔަފާރީގެ ބޭނުމަށް ހިންގި މުއާމަލާތެއް ކަމަށާއި، އެފައިސާއަކީ މަހުލޫފްގެ ކޮއްކޮ، އަލީ މުބީން މެދުވެރިކޮށް އެސްއޯއެފަށް ނަގުދު ފައިސާ ދިނުމަށްފަހު ގަތް ޑޮލަރުތަކެއް ކަމަށެވެ.

ނަމަވެސް، ދައުލަތުން ބުނީ، މަހުލޫފުގެ އާއިލީ ވިޔަފާރި، "ދަ ޖީންސް" އަކީ އެފަދަ މުއާމަލާތެއް ހިންގޭނެ މާލީ ތަނަވަސްކަން ހުރި ވިޔަފާރިއެއް ނޫން ކަމަށެވެ.

އަދި، އެ ބިލަށް ވޯޓުލުމުގެ ކުރިން މަހުލޫފު ހުންނެވީ މެލޭޝިޔާގައި ކަމަށާއި ވޯޓާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަށްފަހު ވޯޓުލައި ނިމުމާއިއެކު އަނެއްކާ ވެސް އެނބުރި ބޭރަށް ވަޑައިގެންނެވިކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެއިތުރުން، މިނިސްޓަރ މަހުލޫފް ދައުވާއަށް އިންކާރުކުރެއްވުމުން ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ހުރި ހެކިތައް ހުށަހަޅުއްވައިފައިވެއެވެ. އޭގެތެރޭގައި ހަތް ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކިން ހުށަހަޅާފައިވެއެވެ.

ޝަފަހީ ހެކިންގެ ތެރޭގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، އެސްއޯއެފްގެ އޭރުގެ އެކައުންޓެންޓަކަށް ހުރި ސްރީ ލަންކާގެ ރައްޔިތަކާއި، އެސްއޯއެފް ކުންފުނީގެ ވެރިންނަށް ތިބި އަހުމަދު އިޝްފާހު އަލީ އަދި މުހައްމަދު އައްލާމް ލަތީފް ހިމެނޭއިރު، ކިތާބީ ހެކިންގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އަދީބާއި މަހުލޫފާ ދެމެދު ފޮނުވާފައިވާ މެސެޖުތަކެއް ހިމެނެއެވެ.

މަޖިލީހުގައި މެމްބަރަކު ވޯޓުލާގޮތަކާމެދު ސުވާލެއް ނުވަތަ ޝަރީއަތެއް ވެސް ނުހިންގޭނެ ކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށާއި، ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

މައްސަލައިގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަން ފާޙަގަކުރައްވައި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، އްސަލައިގައި ދެން އޮންނާނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުން ކަމަށެވެ.