ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ޝޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ޕާސިންގ އައުޓް ޕެރޭޑްގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ދެމެހެއްޓިނިވި ތަރައްގީގެ ގޯލް ފަހަކަށް އަޅުގަނޑު އަލިއަޅުވާލަން ބޭނުން. އެ ގޯލްގައި ބަޔާން މިކުރަނީ ޖެންޑަރ އީކުއަލިޓީ ގައުމެއްގައި ހާސިލްކުރުމަށް. މިކަމަށް ކުރަންހުރި މަސައްކަތްތައް މި ރާއްޖޭގައި ވަރަށް ގިނަ. މި ފުރުސަތުގައި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް ހަމަހަމަފުރުސަތު ހޯދައިދިނުމަށާއި، ހިންގުމުގެ ދާއިރާއިން މަތީ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ތިޔަކުރަމުންގެންދަވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން.
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

އަދި، މި ބަދަލަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މިއަދުގެ ލީޑަރޝިޕްގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ސްޓްރެޓެޖިކް ވިސްނުމުގެ ނަތީޖާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ތަމްރީން ފުރިހަމަ ކުރެއްވި ދަރިވަރުންނަށް މަރުހަބާ ދަންނަވާ، ތަމްރީނުން ލިބުނު އިލްމާއި ހުނަރު އޭގެ އެންމު ފުރިހަމަ ގޮތުގައި ބޭނުންކޮށް އިޚްލާސްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ދަސްވެނީންނަށް ނަސޭހަތްތެރި ވެފައެވެ.

އަދި، ބަވަނަވެފައިވާ ދުނިޔޭގައި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް، މިއަދު މަސައްކަތްކުރަމުން މިގެންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން އެއްބަސްވެފައިވާ މުއާހަދާތަކާއި އެއްގޮތަށް ކަމަށް މިނިސްޓަރ އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

ދ. ވާނީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 33 ވަނަ ތަމްރީން ޕްރޮގްރާމްގައި 90 ދަރިވަރުން ބައިވެރިވެ، 58 ދަރިވަރުން ތަމްރީން ފުރިހަމަ ކޮށްފައިވެއެވެ.