އެމްޑީޕީގެ ސައިޒަކީ މިހާރު 30 ޕަސެންޓް ކަމަށާއި އެވަރަކުން ވެރިކަމަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ހޫނު ބަހުގެ ހަމަލާއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރ. މީދޫގައި ހުކުރު ދުވަހުގެ ހަވީރު އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓް ލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ގާނޫނުއަސާސީއަށް ގެންނަން މަސައްކަތް ކުރައްވާ އިސްލާހަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ މިއަދުގެ ސައިޒަކީ 30 ޕަސެންޓް ކަމަށެވެ. އެކަން ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުން ސާފުވެފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، 30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ހެދިޔަސް އެމްޑީޕީއަށް ދެން މި ގައުމުގެ ވެރިކަމާ ކުޑަ ބޭރުވެސް ނޭރޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ އެއަށް ވުރެ މާ ހޭލާ ކަމަށާއި މުޅި ދައުލަތާއި ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކަކާއި މަސައްކަތް ކޮށްގެން ވެސް ލިބުނީ 47 ޕަސެންޓް ވޯޓު ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ތާއިދު ސަރުކާރަށް ނެތް ކަން މިހާރު ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިސްލާހަށް އަންނަ އޮގަސްޓު މަހު ބޭއްވުމަށް ހަަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންގްރެސް އިން މިގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުން މިކަން ފަށާނެއެވެ.