ރާއްޖޭގައި ވަޒީރުން ތިބެނީ ކަމެއް ކޮށްދޭންޖެހިދާނެތީ ފިލާ ކަމަށާއި ވަޒީރުން ތިބެނީ ޖުއްބާލައިގެން އެއީ ވަޒީރުންކަން ސާފު ނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާލުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ޖާބިރު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ގާނޫނުތަކާއި އަމުރުތަކެއް ވިޔަފާރިތަކުގެ މައްޗަށް އޮންނާތީ ވިޔަފާރި ކުރުމުގެ ފަސޭހަ މާހައުލެއް ނެތް ކަމަށެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރިވެރިޔާއަށް ގޮންޖެހުން ކުރިމަތިވާ މިންވަރަކީ ފުރަތަމަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވެސް ރުއްސަވަން ޖެހުން ކަމުގައެވެ. އެގޮތުން މި ރާއްޖޭގައި ވިޔަފާރި ކުރެވެނީ ރައީސް އަށް 115 ފަހަރު "ގުދުވެގެން" ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރައީސް ރުއްސެވުމަށް ފަހު، ދެން ކުރަން ޖެހޭ ކަމަކީ ވަޒީރު ރުއްސެވުން ކަމަށެވެ. ނަމަވެސް ވަޒީރުގެ ޚިދުމަތް ހޯދަން މަސައްކަތް ކުރާއިރު، ގިނަ ފަހަރު ވަޒީރު ފެންނަން ވެސް ނުހުންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ ވަޒީރު، ސުބުހާނަﷲ، ވަޒީރު އެ ހުންނަނީ ފެނުނީމާ ވެސް އޭނާ ކަމެއް ކޮށްދޭން ޖެހިދާނެތީ ފިލައިގެން، ޖުއްބާ ލައިގެން، އެއީ ވަޒީރެއް ކަން ވެސް ސާފެއް ނޫން،"
އަބްދުﷲ ޖާބިރު، ކާށިދޫ ދާއިރާ

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވިއިރު، މި ބިލުގައި ހުރިކަންކަން މަޖިލީހުގައި އިއްވެވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

މިއަދު ބަހުސަށް ހުޅުވާލާފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމަކީ ވިޔަފާރިތައް ގިންތިކުރުމުގައި ޕެންޝަން އޮފީހުގެ މައުލޫމާތަށް ރިއާޔަތްކުރާ ގޮތަށް ހަމަޖެއްސުމާއި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ގިންތިކުރާނެ އުސޫލު ކަނޑައެޅުމެވެ.