ވާދަވެރި ކުޅުމަކަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޕީއެސްޖީން ރެއާލް މެޑްރިޑުގެ މައްޗަށް ކުރިހޯދި މެޗުގައި، އެޓީމުގެ ތަރި ލިއޮނެލް މެސީ ޕެނަލްޓީ ކާމިޔާބު ނުކުރެވުމުގެ ރެކޯޑަކާއި އަރާ ހަމަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މިމެޗުގެ ދެވަނަ ހާފުގައި މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ އޭރިއާ ތެރެއިން އެޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއަށް، ރެއާލްގެ ޑިފެންޑަރު ކާވަހާލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ މެސީ ފޮނުވާލިއިރު ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު މެސީގެ ޕެނަލްޓީ މަތަކޮށްފައެވެ. މިއާއެކު މެސީ ވެގެންގޮަސްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ޕެނަލްޓީ މިސް ކޮށްލި ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މެސީގެ އިތުރުން ދެން މި ރެކޯޑް އޮތީ ބާސެލޯނާ އާއި އާސެނަލް އަށްވެސް ކުޅެފައިވާ ކުރީގެ މަޝްހޫރު ފޯވާޑް ތިއެރީ އޮންރީގެ އަތުގައެވެ. މި ދެކުޅުންތެރިންވެސް ވަނީ ޗެމްޕިއަންސް ލީގުގައި 5 ޕެނަލްޓީ މިސް ކޮށްލާފައެވެ.

މީގެއިތުރުން މެސީ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޕެނަލްޓީ އެޓެމްޕްޓް ކުރި ކުޅުންތެރިޔާގެ ރެކޯޑުވެސް ގާއިމްކޮށްފައެވެ. މީގެކުރިން މި ރެކޯޑް އޮތީ މެސީ އާއި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. މެސީ ވަނީ ޗެމްޕިއަންސް ލީގުގައި 23 ޕެނަލްޓީއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މެސީ އަށް ކާމިޔާބު ކުރެވުނީ 18 ޕެނަލްޓީއެކެވެ.

ރެއާލްގެ ފަރާތުން މުޅި މެޗުގައިވެސް، ގޯލާއި އަމާޒުވާގޮތަށް އެންމެ ހަމަލާއެއް ފޮނުވާލިތަންވެސް ފެނިގެންގޮސްފައިނުވާ މިމެޗުގައި ދެޓީމުގެ ޑިފެންސް ލައިނުގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ.

ހާއްސަކޮށް މެޗުގައި ރެއާލްގެ ފޯވާޑް ލައިނަށް ހަމަލާއެއް އުފެއްދުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވީ، ބޯޅަ ގެއްލޭ ކޮންމެ ދަނޑިވަޅެއްގައި ޕީއެސްޖީގެ ޑިފެންޑަރުންނާއި މެދު ތެރެއިން ފަހަތަށް ކުޅޭ ކުޅުންތެރިން ވަރަށް ރޭވުންތެރިކަމާއެކު މި އެޓޭކުތަކަށް ހުރަސް އަޅާތީއެވެ. މުޅި މެޗުގައިވެސް ރެއާލްގެ ކުޅުންތެރިންނަށް އުފެއްދުނީ އެންމެ ހަމަލާއެކެވެ. އެއީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މިޑްފީލްޑަރު ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ އެކަންޏެވެ. މި ހަމަލާވެސް ދިއައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އެއާ ހިލާފަށް ޕީއެސްޖީގެ އަގުބޮޑު އެޓޭކިންގ ލައިނުން ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއިރު ލަނޑުޖެހުމާއި ގާތަށް އެތައް ފަހަރެއްގެ މަތިން ޖެހިލާފައިވެއެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ޕީއެސްޖީން ލަނޑެއް ޖަހާ މެޗުގައި ލީޑުނެގުމެވެ.

ރެއާލްގެ ގޯލުގެ ތެރެއަށް އެމްބާޕޭ ބޯޅަ ފޮނުވާލަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

ރެއާލްގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ކުރިއަށް އޮތް ޓްރާންސްފަރ ވިންޑޯގައި ރެއާލުން އެންމެ ބޮޑަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ޒުވާން ތަރި އެމްބާޕޭ އެވެ.

މެޗުން މޮޅުވެ ޕީއެސްޖީން އަމިއްލަ ދަނޑުގައި އެޑްވާންޓޭޖް ނަގާފައިވާއިރު ގަދަ 16ގެ ދެވަނަ ލެގުގައި މިދެޓީމު ރެއާލްގެ ދަނޑުގައި ކުޅޭނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.