ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ޑިސްކޯ ކިންގްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒާ ބައްޕީ ލެހެރީ (ބައްޕީދާ) މަރުވެއްޖެއެވެ.

ސިއްހީ ގިނަ މައްސަލަތަކެއް ހުންނަ ލެހެރީ، އުމުރުން 69 އަހަރުގައި މަރުވީ އިންޑީއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ޓައިމްސް އޮފް އިންޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

ހޮސްޕިޓަލުގައި އޮންނަތާ މަހެއްވެ، މިދިޔަ ހޯމަ ދުވަހު އޭނާ ދޫކޮށްލިއިރު، އަނެއްކާ ވެސް ހާލު ގޯސްވީ ރޭގެ ވަގުތެއްގައި ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ކްރިޓިކެއާ ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ ދީޕަކު ނާމްޖޯޝީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސިއްހީ ގިނަ މައްސަލަތަކެއް ބައްޕީދާ ދިޔައީ ތަހައްމަލު ކުރަމުންނެވެ. އަދި ބައްޕީދާ މަރުވީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ) ގެ ސަބަބުން ކަމަށްވެސް ޑރ ނާމްޖޯޝީ ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިދިޔަ އަހަރު އެޕްރީލްގައި ކޮވިޑް ޖެހިގެން ވެސް ލެހެރީ އެޑްމިޓްކުރި ކަމަށްވެސް ޚަބަރުތަކުން ބުނެއެވެ. މީގެ އިތުރުންވެސް ފާއިތުވެ ދިޔަ ދުވަސްތަކުގެ ސިއްހީ ގިނަ މައްސަލަތަކަށް ބޭސްކުރަމުން ގެންދާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ފޮޓޯ: ޓައިމްސް ނައުނިއުސް

މަހެއްހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ބައްޕީދާ ގެއަށް ފޮނުވާލީ ހޯމަ ދުވަހުއެވެ. އަދި އަންގާރަ ދުވަހު ހާލަތު ދެރަވާން ފެށުމުން ގެއަށް ޑޮކްޓަރަކު ގެންދިޔަ ކަމަށާ، އެއަށް ފަހު އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

ބައްޕީ ލެހެރީވަނީ ފަހުން ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވެފައެވެ. 2014ވަނަ އަހަރު އޭނާ ވަނީ މިހާރު އިންޑިއާގެ ވެރިކަންކުރާ ޕާޓީ ޕާރަތިޔާ ޖަނަތާ ޕާޓީ (ޕީޖޭޕީ)އާ ގުޅިފައެވެ.

1970 އިން ފެށިގެން 90 ގެ އަހަރުބވތަކުގައިވެސް މިއުޒިކް ޗާޓުތަކުގެ ކުރިން ޖާގަ ހޯދި ގިނަ ލަވަތަކެއް ކިޔާ އަދި ކޮމްޕޯޒުކޮށްފައިވާ ބައްޕީދާ ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި "ޗަލްތޭ ޗަލްތޭ"، "ޑިސްކޯ ޑާންސާ" އަދި "ޝަރާބީ" ހިމެނެއެވެ.

ބައްޕީދާ އެންމެ ފަހުން މިއުޒިކް ކޮމްޕޯޒް ކޮށްދިނީ 2020 ގައި ނެރުނު "ބާގީ 3" އަށެވެ.

އެންމެފަހުން ބައްޕީދާ ސްކްރީނުން ފެނިފައި ވަނީ މިދިޔަ މަހު ނިންމާލި އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި ސަލްމާން ހާންއާ އެކުއެވެ. އެ ޝޯ އަށް އޭނާ ދިޔައީ އޭނާގެ ކާފަ ދަރިފުޅުގެ ލަވަ(ބައްޗާ ޕާޓީ) ޕްރޮމޯޓްކުރާށެވެ.

ފޮޓޯ: ޓައިމްސް ނައުނިއުސް

ބައްޕީދާ މަރުވިއިރު އޭނާގެ އަންބަކާއި ދެ ކުދިން ތިބެއެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ބައްޕާ ލެހެރީ އާއި ރީމާ ލެހެރީ އަކީ ވެސް މިހާރު ލަވަކިޔުންތެރިންނެވެ.

ބައްޕީދާގެ އަދިވެސް ފަނޑުކަމެއް ނާންނަ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޖިމީ ޖިމީ އާޖާ އާޖާ"، "ޔާރު ބިނާ ޗޭން ކަހަ ރޭ"، "އައި އޭމް އަ ޑިސްކޯ ޑާންސާ"، އަދި "އޫ ލާ ލާ" ފަދަ ހިތްގައިމު ލަވަތައް ހިމެނެއެވެ.

1972 އިން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ހިންދީ އަދި ބެންގޯލީ ބަހުންވެސް ލަވަ ކިޔާ ކޮމްޕޯޒްކުރަމުން އަންނަ ބައްޕީދާއަށް ވަނީ ގިނަގުނަ އެވޯރޑްތަކެއްވެސް ލިބިފައެވެ.

ފޮޓޯ: ޓައިމްސް ނައުނިއުސް

ބޮލީވުޑްގެ ލަވައިގެ ދުނިޔޭގައި ނަން މަޝްހޫރު ގިނަ ފަންނާނުން ތަކެއް މަރުވުމުން ގިނަ ބަޔަކު އަންނަނީ މިކަމާ ހިތާމަކޮށް ލަވައިގެ މުސްތަގްބަލް ބަނަވަމުން އަންނަ ކަމަށް ސިފަކުރަމުންނެވެ.

ބޮލީވުޑް އިންޑަސްޓްރީގައި ލަވައިގެ ދުނިޔޭގައި ފިޔަޖަހަމުން ދިޔަ ތަރިން ކަމުގައި ލަތާ މަންގޭޝްކަރު އަދި ސަންދިޔާ މުކަރުޖީވެސް ވަނީ މި މަސްތެރޭ މަރުވެފައެވެ.