ދިވެހި ޕްރިމިއާ ލީގު 2022 ގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން އިއްޔެ ޕާޓްނާޝިޕް އިއުލާންކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަަލް-ހަމާދީ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ޚާލިދު ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ ރައްޔިތުންގެ އެއްބައިވަންތަކަން ދިރުވައިދޭ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ. މީގެ އިތުރުން، އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނެކޭ އެއްގޮތަށް ފުޓުބޯޅަ އަކީ އުރީދޫއާއި ވެސް ނުހަނު ގާތް ކުޅިވަރެއް ކަމަށެވެ.

ފެށުނީއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ.

އެ މުބާރާތުގެ ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ އެ މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްޤީއަށް ޓަކައި ކުރިމަގުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަަން އެކުންފުނިން މި ފުރުސަތުގައި އަރުވައެވެ.