ގިނަ އައިޓަމް ތަކަކާއެކު މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބާއްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ 33ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ޣާޒީ ސްކޫލްގައި ބޭއްވި މިޖަލްސާ ވަނީ ގާތްގަނޑަކަށް 4 ގަޑިއިރަށް ދިގުދެމިގެން ގޮސްފައެވެ.
މިޖަލްސާ ވީޓީވީންވަނީ ވަގުތުން ދުރަށް ދައްކާފައެވެ.
"ފެނިލުމުން ދިވެހި ދިދަ ވިހުރިލާ.." މި ޝިއާރުގެ ދަށުން މިއަހަރު ޅެންވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާ ފެށުމަށް ފަހު އެންމެ ފުރަތަމަ ވަނީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރި އުތީމް އާދަމްބެއާ ގުޅޭ ރިޕޯޓެއް ހުށަހަޅާފައެވެ.
އެއަށް ފަހު ޅެންވެރީންގެ ދުވަސް ތަޚުސީސްކުރާ ފަރާތްކަމުގައިވާ އާދަމް އަބްދުއްރަޙުމާންގެ މައްޗަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރެއް ކަމަށްވާ ފާތިމަތު ޝާހާ ހުސައިންގެ ވާހަކަދެއްކުން އޮތެވެ.
ޝާހާގެ ވާހަކައަށް ފަހު، ޅެން ހެދުމުގެ އަސާސީ ބަހާތަކުގެ މައްޗަށް ޅެންވެރިޔާ އަބްދުލް މުއީދު ހަސަން ވަނީ ވާހަކަ ދައްކަވާފައެވެ. މުޢީދުގެ ވާހަކައަށްފަހު، ޖަލްސާގެ ރަހަ ތަފާތުކޮށްލުމަށް މަޝްހޫރު ޅެންވެރިޔާ އަދި ކުޅަދާނަ ފިލްމީތަރި ރޯނުގޭ ހަސަން މަނިކު ހިތްގައިމު ލަވައެއް ހުށަހަޅުއްވައި ދެއްވިއެވެ.
ޅެންވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި، ޒުވާން ލިޔުންތެރިޔާ އަދި ޅެންވެރިޔާ ނަސްމާ އަބްދުލް މުހުސިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ނަސްމާ ވާހަކަދެއްކެވީ ޒަމާނީ ޅެންވެރިކަމާއި ގުޅޭގޮތުންނެވެ.
މިޖަލްސާގައި ޅެންވެރިންގެ ހުށައެޅުންތަކެއް ވެސް ފެނިގެން ގޮސްފައިވާއިރު، 3 ޅެން ފޮތެއްވެސް ވަނީ ނެރެދެއްވާފައެވެ. އެއީ "ޖައުފަތު ކަމާލުއްދީންގެ ޅެންތައް"، "ޚަޔާލާތެ ނަސީމް" އަދި "ހީރާ"ގެ ނަމުގައި ނެރުއްވި ޅެން ފޮތްތަކެވެ.
ޅެން ފޮތްތައް ނެރެދެއްވުމަށް ފަހު، "ޅެންވެރިކަމުގެ ފުން ކަނޑުތަކާއި ތިލަ ފަޅުތައް" މި މަޢުޟޫއަށް މުހައްމަދު އާދަމް ސަލީމް ވަނީ ވާހަކަ ދައްކަވާފައެވެ. އެއަށް ފަހު ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްގެ ވާހަކަ އޮތެވެ.
ޑރ. އަޝްރަފް އަބްދުއްރަހީމްގެ ވާހަކައަށް ފަހު ދުވަސް ތަޚުސީސް ކުރާ ފަރާތް ކަމަށްވާ މަޝްހޫރު ޅެންވެރިޔާ އުތީމް އާދަމް އަބްދުއްރަހުމާން -- އުތީމު އާދަމްބެ ވަނީ ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ.
ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރަން މިފަހުން ބާއްވާ ޖަލްސާތައް ބަހުގެ އެކަޑަމީން އަންނަނީ ފާހަގަކޮށްލެވޭ ޅެންވެރިންނަށް ހާއްސަ ކުރަމުންނެވެ.
އުތީމު އާދަމްބެއަކީ ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2004 ވަނަ އަހަރު ހާސިލުކުރެއްވި ބޭފުޅެކެވެ. އަދި 2016 ވަނަ އަހަރު އާދަމްބެ ވަނީ ޅެންވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ހާސިލްކުރައްވާފައެވެ.
ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އާދަމްބެ އަކީ 11 އަހަރު ވަންދެން ހއ. އަތޮޅުވެރިކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރަން އާންމު ގޮތެއްގައި ޖަލްސާއެއް ބޭއްވި ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އާއި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިއަހަރުގެ ޖަލްސާ 18 ވަނަ ދުވަހަށް ފަސްކުރަން ބަހުގެ އެކަޑަމީން ނިންމީއެވެ.