ފުވައްމުލައް ސިޓީގެ އަމާން ވެށީގައި ތިބި ކުދިން އެސިޓީގެ ރައްޔިތުން ވެސް ވަނީ ބަލައިގެންފައި ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގައި ތިބި ކުދިން ބޭތިއްބުމަށް ފުވައްމުލައް ސިޓީގައި ޤާއިމްކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް ކަމަށާއި ފުވައްމުލަކުގެ ރައްޔިތުންވެސް އެތަނުގައި ތިބި ކުދިން ބަލައިގެންފައިވާ ކަމަށެވެ.

އަމާން ވެށީގެ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަމާން މާހައުލެއްގައި އުޅެވެން ޖެހޭނެކަން އެންމެހާ ރައްޔިތުންވެސް ޤަބޫލުކުރައްވަންޖެހޭ. އެފަދަ މާހައުލެއް މިއަދު ފުވައްމުލަކުން ފެންނަމުންދާކަމީ އުފާކުރައްވާ ކަމެއް"
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ

މީގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ކަންކަން ހިނގާގޮތް އެކުދިންނަށް ދައްކާ އެކުދިން ވެސް އެކަންކަމުގައި ބައިވެރިކޮށްގެން ޢާއިލާތަކުން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

“ލާމަރުކަޒު ކުރެވިގެން މިއަދު ކަންކަން ރޭވިގެންދާއިރު، އިޖްތިމާޢީ ބަދަހި މަދަދުވެރިން ނުވަތަ “އިބަމަ” އަކީ، މުޖުތަޢުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހިނގުމުގެ ކުރިން އެކަމެއްވިޔަ ނުދިނުމަށް އަދި ކަމެއް ދިމާވުމުން، އެކަމަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް. މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އަޅާލާ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން “އިބަމަ”ގެ ތެރެއިން މަސައްކަތްކޮށްދެއްވުމަށް، ފުވައްމުލަކުގެ ހުރިހާ އިދާރާތަކަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިބައްދުލުވުމުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްޒެޓެންޓިވް، މަރުޖާން މޮންތާޒަމީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ، ޔުނިސެފުން “އިބަމަ”ގެ މަސައްކަތަށް ފަންނީ އަދި މާލީ އެހޭތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ގިނަ ސަބަބުތަކާއި ހެދި ކަމަށާއި، އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް އެއްވެސް ނޭދެވޭ ކަމެއް ދިމާވުމުން ނުވަތަ އެފަދަކަމެއް ވިޔަނުދިނުމަށް، ހައްލު ހޯދަދެވޭނެ ފަދަ ފަރާތަކަށް “އިބަމަ” ވެގެންދާތީ ކަމަށެވެ.

މި ބައްދަލުވުމުގައި “އިބަމަ” އާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ޔުނިސެފްގެ އިބަމަ ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ވަނީ ދެއްވާފައެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއަކުން ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.