މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް(ސީއެފްޕީއެސް) އާއި ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ސެޝަނުގައި މައުލޫމާތު ދެއްވީ ސީއެފްޕީއެސްގެ ޑިރެކްޓަރ ފައްޒަ ފުއާދު އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ނިސްރީންއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހަތަރު ގިންތިއެއްގެ ކުދިން ފޮސްޓާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މި ސެޝަންގައިވަނީ ފޮސްޓާކުރުމުގެ ޕްރޮސީޖަރގެ ތަފްސީލުތައް ބައިވެރިންނާ ހިއްސާކޮށްފައި ކަމަށް ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށްދިޔަ މި ސެޝަންގައިވަނީ ފޮސްޓާކުރުމާ ގުޅޭގޮތުން ބައިވެރިންގެ އެކި ސުވާލުތަކަށްވެސް ޖަވާބުދީފައެވެ.