ފާދިއްޕޮޅު މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއަރޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

އެއަރޕޯޓު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން މަޑިވަރުގައި ހުޅުވުނު އެއަރޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއަރޕޯޓެއް ގާއިމުކުރެވިއްޖެ ކަމަށެވެ.

އެއަރޕޯޓް ހުޅުވިގެން ދިއުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނާއި އެސަރަޙައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުފަލެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި އެއަރޕޯޓާއެކު ޅ. އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި ގެސްޓްހައުން ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާ އާއި އަދި އެހެން ވިޔާފާރިތަކަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރީން ދިވެހި ސަރުކާރުން ނިންމާފައި އޮތް ނިންމުމެއް. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތަށް އޭރު ގެންނެވުނު ބަދަލުތަކެއްގެ ސަބަބުން ދިގުދެމިގެން ގޮސް އެތައް ދުވަހެއް ވޭތުވެގެން ދިޔައީ. އަޅުގަނޑު އުއްމީދުކުރަނީ ރައްޔިތުން އެދޭ ވަރުގެ، އަދި ރިޒޯޓުތަކުން ބޭނުންވާވަރުގެ ޚިދުމަތެއް އައިލޭންޑް އޭވިއޭޝަނުން މި އެއަރޕޯޓު މެދުވެރިކޮށް ރައްޔިތުންނަށާއި ރިޒޯޓުތަކަށް ފޯރުކޯށްދޭނެ ކަމަށް. އެއަރޕޯޓް ނިމިގެން އައިރުގައި މިވަނީ އެންމެ ފުރިހަމަ އެއަރޕޯޓެއްގައި ހުންނަންވާނެ ވަޞީލަތްތަކާއެކުގައި ހުޅުވިފައި. ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭ. މިތަނުން ފެނިގެން މިދަނީ އެންމެ ފުރިހަމަ ވަޞީލަތްތައް ލިބެންހުރިކަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ފުރައިގެން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮތުމަކީ މިސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު 2 އެއަރޕޯޓެއް ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން، ގދ. ފަރެސްމާތޮޑާ އަދި މ. މުލީ އެއަރޕޯޓު ހުޅުވި އޭގެއިތުރުން 7 އެއަރޕޯޓެއްގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓް ރަސްމީގޮތުން ހުޅުވުމުގެގޮތުން މިއަދު އެ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އެވިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ބޯޑިން ފާހެއް އެރުވިއެވެ.

ކުންފުނީގެ ފަރާތުން ބޯޑިން ފާސް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދެވެ. އަދި، ކުރެއްދޫ ހޯލްޑިންގް ލިމިޓެޑް ގެފަރާތުން އެ ކުންފުނީގެ މެނޭޖިނގް ޑިރެކްޓަރ މުޙައްމަދު މޫސާ ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މި އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑެވެ.

1،200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވޭ މި އެއަރޕޯޓުގެ ޓާރިމނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއްވެސް ހިމެނެއެވެ.