ކަރްނާޓަކާ ސްޓޭޓްގައި މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކޮށް ސްޓޭޓް ސަރުކާރުން ގާނޫނެއް ފާސްކުރީ، ހިންދޫންގެ ރުހުން ހޯދައި، އަންނަ އަހަރު ބާއްވާ ސްޓޭޓް އިންތިޚާބުގެ ވޯޓު ކާމިޔާބު ކުރުމުގެ މަގްސަދުގައި ކަމަށް އިންޑިއާގެ އިދިކޮޅު ލީޑަރުންނާއި، މުސްލިމް ލީޑަރުންނާއި އެނަލިސްޓުންވެސް ވިދާޅުވެއްޖެއެވެ.

ކަރްނާޓަކާ ސްޓޭޓަކީ އިންޑިއާގެ ދެކުނު ފަޅީގެ ސްޓޭޓްތަކުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ވެރިކަންކުރާ 5 ސްޓޭޓްގެ ތެރެއިން އެއް ސްޓޭޓެވެ.

ކަރްނާޓަކާ ސްޓޭޓްގައި ސްކޫލަށްދާ މުސްލިމް އަންހެން ކުދިން ބުރުގާ އެޅުން މަނާކޮށް އެ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުން ފަސްކުރި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

މީގެއިތުރުން، ކަރްނާޓަކާ ސްޓޭޓުގެ ފަގީރު ހިންދޫން ދީން ބަދަލުކޮށް އިސްލާމްދީނަށާއި، ކްރިސްޓިއަން ދީނަށް ވަންނަމުންދާތީ އެކަން މަނާކުރާ ގާނޫނެއް ފާސްކުރުމަށްވެސް ކަރްނާޓަކާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ގެރި ކަތިލުން މަނާކޮށް ގާނޫނެއް ފުރަތަމަ ފާސްކުރީވެސް ކަރްނާޓަކާ ސްޓޭޓުންނެވެ. އެއީ، މިދިޔަ 2021 ވަނަ އަހަރުއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތަކުންނާއި ގިނަ ސިޔާސީ އެނަލިސްޓުން ވަނީ، ކަރްނާޓަކާ ސްޓޭޓުން މުސްލިމުންނަށް އަމާޒުކޮށް މަސްރަހް ނުތަނަވަސްވާ ގޮތަށް އަޅަމުންދާ ފިޔަވަޅުތައް ކުށްވެރި ކޮށްފައެވެ.

އަދި މިކަމަކީ، އިންޑިއާގައި އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ރުހުން ހޯދައި، ވޯޓު ހޯދުމަށް ދުރާލައި ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށްވެސް އިދިކޮޅު ލީޑަރުން ވިދާޅުވެއެވެ. އަދި ބީޖޭޕީގެ ނިޔަތަކީ، އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކުގައި ތަފާތު ދީންތަކުގެ މެދުގައި ހަމަޖެހުން އޮތީމާ، މުސްލިމުންނާއި ހިންދޫން ސުލްހަވެރިކަމުގައި އުޅޭތީ އެކަން ނިމުމަކަށް ގެނައުން ކަމަށްވެސް ތުހުމަތު ކުރެއެވެ.

ނަމަވެސް، ބީޖޭޕީން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. ބުނެފައިވަނީ، ބީޖޭޕީގެ ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.

ބީޖޭޕީގެ ކަރްނާޓަކާ ސްޓޭޓުގެ ތަރުޖަމާނު ގަނޭޝް ކާރްނިކް ބުނީ، އަންނަ އަހަރުގެ އިންތިޚާބަށްފަހު ބީޖޭޕީއަށް ކަރްނާޓަކާގެ ވެރިކަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އޭގެފަހުން ބީޖޭޕީގެ ވެރިކަން ސަރަހައްދުގައި އިތުރަށް ފުޅާކުރެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި މިމަހުގެ 10 ވަނަ ދުވަހުވަނީ ވޯޓްލާން ފަށާފައެވެ. އުއްތަރް ޕްރަދޭޝްގައި ވެރިކަންކުރަނީވެސް ބީޖޭޕީންނެވެ.

މިއީ، އިންޑިއާގެ ސްޓޭޓްތަކުގެ އިންތިޚާބުތަކުގެ ސިލްސިލާގެ ފުރަތަމަ އިންތިޚާބެވެ. އުއްތަރް ޕްރަދޭޝްގެ އިތުރުން، އިތުރު 4 ސްޓޭޓެއްގައި މިމަހު އިންތިޚާބު ބާއްވާނެއެވެ. އެއީ، އުއްތަރަޚަންދް، މަނީޕޫރް، ގޯއާ އަދި ޕަންޖާބެވެ.

މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަގްބޫލްކަން ރައްޔިތުންގެ ތެރޭގައި ހުރި މިންވަރު ހާމަވެގެންދާނެ އިންތިޚާބެއް ކަމަށް މީޑިއާއިން ބުނަމުން ގެންދެއެވެ. މިއިން އެއްވެސް ސްޓޭޓަކުން ބީޖޭޕީ ބަލިވުން ވެގެންދާނީ މޯދީގެ ސަރުކާރަށް ކުރިމަތިވާނެ އިތުރު ނާއުންމީދަކަށެވެ.

ސްޓޭޓް އިންތިޚާބުތައް ކާމިޔާބު ކުރުމަކީ، 2024 ވަނަ އަހަރު އޮންނަ އިންޑިއާގެ ޕާލަމެންޓް އިންތިޚާބު ކާމިޔާބުކޮށް ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުވުމަށް ބީޖޭޕީއަށް ވަރަށް މުހިންމު ކަމެކެވެ.