އަދުގެ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙަކީ ނުނިމި ހުރި އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއް ނޫންކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ޅ. މަޑިވަރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، ތަރައްގީ އާއި ތަމައްދުން ހާސިލު ކުރުމަށްޓަކައި މިސަރުކާރުން ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެމަސައްކަތްތަކަކީ ނުވާކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް ކޮވިޑްގެ މި ދަތި ހާލަތުގައިވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދުވަހަކުވެސް ކުރި ނާރާ މިންވަރަށް މިއަދު ކުރިއަރާފައި ވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، އަދުގެ ރައީސަކީ ކެމްޕޭން ބޯމަތިވުމުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގައި، ވެހެމުންދާ ބޯވާރޭގައި ހުންނަވައި، އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އެކަމަނާ އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި، މަސައްކަތްތައް މުޅިން ނުނިމި ވަނިކޮށް، ކުޅުދުއްފުށީ ސިޓީ އެއާޕޯޓް ހުޅުވާފައިވާތީ އެކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން ވަނީ އެރަށަށް ވަޑައިގެންފައެވެ. އެ ރަސްމިއްޔާތު ބޭއްވި ގަޑީގައި ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ނަމަވެސް ބޯ ވާރޭގެ ތެރޭގައި ތެމިފޯވެގެން ހުންނަވައި ރައީސް ޔާމީން ވަނީ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ދަންނަވަންތޯ، ކެމްޕޭން ބޯމަތިވުމުން ރައްޔިތުންގެ ލޮލުގާ އަނދުންއެޅުވުމަށް، ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގަ، ވެހެމުންދާ ބޯވާރޭގަ ހުންނަވާ، އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއް ނޫން އަދުގެ ރައީސްއަކީ. އެމަނިކުފާނަކީ ނުނިމި ހުރި އެއާޕޯޓްތައް ނިންމަވައި، އިތުރު އެއާޕޯޓްތައްވެސް ތަރައްގީ ކުރައްވަމުން، މުޅި ރާއްޖެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން ގުޅާލަދެމުން އަންނަ، ކުރިން މި ރާއްޖެ ނުދެކޭ ފަދަ ހިންގުންތެރި، ހިކުމަތްތެރި ރައީސެއް،"
އައިޝަތު ނަހުލާ، ޓްރާންސްޕޯޓް މިނިސްޓަރ

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މަޑިވަރު އެއާޕޯޓު ހުޅުވުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަގުން އުފަން ރަށަށް ދިއުމުގައި ކުރިމަތި ވަމުންދިޔަ ދަތިތަކަށް މިހާރު ދެމެހެއްޓެނިވި ހައްލެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޑިވަރު އެއާޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓެކެވެ.

އެ އެއާޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑާއެވެ.

1،200 މީޓަރުގެ ރަންވޭއަކާއެކު އެއްފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވޭ މަޑިވަރު އެއާޕޯޓުގެ ޓާމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއްވެސް ހިމެނެއެވެ.