ބަވަނަވެފައިވާ މިދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ތަފާތު އެތައް ބަހަކުން މޮށިއުޅޭ މީހުން މަދެކޭ ނުދެންނެވޭނެއެވެ. މިގޮތުން އަަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެތަކެއް ޤައުމެއްގެ އެތަކެއް ހާސް ބިދޭސީން އުޅެމުން އެބަދެއެވެ. މިގޮތުން އަޅުގަނޑުމެން ދޭސީންނާއި ބިދޭސީން މަސްހުނިވެ އުޅުމުގެ ނަތީޖާއަކަށްވަނީ ބޭރުބަސްތައް މި ރީތި،ދިވެހިބަހަށް ނުފޫޒު ފޯރުވަމުންދާ ދިއުމެވެ. މި ނަލަ ނަލަ ދިވެހިބަހުގައި ބޭރުގެ ބަސްތައް ވަކިހިއްޕާލާފައިވުމެވެ. އާދެ! ވަކިން ޚާއްސަގޮތެއްގައި އިނގިރޭސިބަހެވެ.

އެކަމަކު އެ ވާހަކަ އިހަށް ބާއްވާށެވެ. މި ފަހަރު މިއޮތީ އެހެން ވާހަކައެކެވެ. ހަމަ އެއެތަކެއް ހާސް ބިދޭސީންގެ ތެރޭގައި ދިވެހިބަހަށް ލޯބިކުރާ އެތައް ބަޔަކު އެބަ އުޅެއެވެ. އެންމެ ފުރިހަމައަށް ނޫނަސް އެ މީހުންގެ ފެންވަރުގައި ދިވެހިބަހުން އެމީހުން މޮށެއެވެ. ގޭގޭގައި ގެންގުޅޭ މެއިޑުންނަށް ބަލާލަމާ ހެއްޔެވެ؟ ނޫނީ ކޮންސްޓްރަކްޝަން ސައިޓުތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ނުވަތަ ކެފޭއަކަށް ބޯ ދިއްކޮށްލަމާހެވެ.

ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އިވެނީ ކޮން އަޑެއް ހެއްޔެވެ؟ އާދެ، އެއީ ބިދޭސީންނެވެ. އެކަމަކު ވާހަކަ އެ ދައްކަނީ ދިވެހިބަހުންނެވެ. ބައެއް ބިދޭސީން ދިވެހިބަހުން ވާހަކަދައްކާލެއް މޮޅުކަމާއި ފަރިތަކަމުން އެއީ ދިވެއްސެކޭ ވެސް ބުނާ ވަރުވެއެވެ. ބައެއް ދިވެހިންނަށް ވުރެ އެ މީހުން ދިވެހިބަހަށް ކުރާ ލޯތްބާއި ގަދަރު އޭގެން ހާމަވެއެވެ. އެންމެ ހިތްގައިމު މަންޒަރަކީ އެމީހުން އެ މީހުންނާ ވެސް ދިވެހިބަހުން ވާހަކަދެއްކުމެވެ.

ބައެއް ފަހަރު ބިދޭސީން ދިވެހިބަހުން ވާހަކަދައްކާއިރު ހުންނަ ރާގާއި ބަސްކިޔުން ތަފާތުވުމުން ބައެއް ދިވެހިންގެ ފުރައްސާރަ ކުރިމަތިވެއެވެ. އެ މީހުންނަށް ހިތްވަރުދީ ބަހުގެ ހަމަތައް ބުނެދިނުމުގެ ބަދަލުގައި ގިނަ މީހުން ބަލަނީ މަލާމާތާއި ފުރައްސާރަ ކުރެވޭތޯއެވެ. ސަމާސާކޮށްލުމަށް ދިވެހިބަހުން އެ މީހުން ވާހަކަ ދައްކާ ގޮތަށް ދިވެހީންގެ ތެރެއިން ބަޔަކު މީހުން ވާހަކަދައްކާތީ ފެނެއެވެ. އެކަމަކު އޭތި ސަޅިއެއް ނޫނެވެ. އެ ފަދަ މީހުުންނަށް ބުނެލަން އޮތީ ދިވެއްސަކަށް ވެ ހުރެ "ބާއި ތިބައްތޮރު ވާހަކަ ދައްކަން ބޭނުންނެތީ"އެވެ.

ބިދޭސީންނަށް ދިވެހިބަހުގެ ހަމަތަކުގެ މަތިން މާހަކަދައްކަން ދަސްކޮށްދިނުމަކީ ބަސް އެނގޭ މީހުން ކުރަންޖެހޭ ކަމެކެވެ. އެކަން ކުރުމަށް މި ހުޅުވެނީ ދޮރެކެވެ. އަދި ދިވެހިބަހުން ވާހަކަދައްކާ ބިދޭސީންނަށް ވީޓީވީ އާއި ދިވެހިބަހުގެ އެކަޑެމީން މި ދެނީ އުފާވެރި ޚަބަރެކެވެ.

ފައިސާގެ އިނާމާއެކު ވީޓީވީ އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ބިދޭސީން، ދިވެހިބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން މި ވަނީ ނިންމާފައެވެ. މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު ތިންވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ ލިބޭނެއެވެ.

ޕްރޮގްރާމް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވީޓީވީގެ ޕްރޮޑަކްޝަން ކޯޑިނޭޓަރ ހުސެއިން ނިޔާޒް ވިދާޅުވީ، މުބާރާތައް ބައިވެރިން ހޮވުމަށް އޮޑިޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި، އެއަށްފަހު އެކި ރައުންޑު ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނިޔާޒް އިތުރަށް ވިދާޅުވީ ކޮންމެ ރައުންޑެއް ނިމޭއިރު ބައިވެރިއެއް ނުވަތަ ބައިވެރިންތަކެއް މުބާރާތުން ވަކިވާއިރު، ގަދަ 3 އަށް ހޮވޭ ބައިވެރިންނަށް ފައިސާގެ އިނާމުގެ އިތުރުން ތަފާތު އެކިއެކި އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ނިންމާފައިވެއެވެ.

ނިޔާޒް ވިދާޅުވީ މި މުބާރާތަކީ ވަކި ގައުމަކަށް ނިސްބަތްވާ ބިދޭސީންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ނޫން ކަމަށާއި، މުބާރާތް ފުރިހަމަވާނީވެސް ގިނަ ގައުމުތަކަކުން ބައިވެރިން މުބާރާތުގައި ބައިވެރިވެގެން ކަމަށެވެ. އަދި މުބާރާތުގައި ކުންފުނިތަކުގެ ވެރިންވެސް އެކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ބައިވެރިކޮށް، މުވައްޒަފުންނަށް ސާދާ ރިވެތި ދިވެހި ބަހުން ވާހަކަދައްކަން ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވީޓީވީގެ މެނޭޖްމަންޓުގެ އެދުމެއްކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

މި މުބާރާތް އޮންނާނީ އަންނަ ރަމަޟާން މަހުއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ސޯސަންމަގުގައި ހުންނަ ވީޓީވީގެ ރިސެޕްޝަނުން ލިބިލައްވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ބިދޭސީންނަށް ވެސް އޮންނާނެއެވެ.

މި މުބާރާތުގެ ސަބަބުން ބިދޭސީންނަށް ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ދަސްވާނެއެވެ. އަދި ދިވެހީންނަށް ވެސް މި މުބާރާތުގެ އަލީގައި ގިނަ ކަންތައްތަކެއް ދަސްވާނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ ދިވެހިބަހުގެ ދާއިރާއިން ވަަރަށް ފުންނާބު އުސް ތިން ބޭފުޅުންނެވެ. އެއީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަންވަރު އިބްރާހިމާއި އައިމިނަތު ހަސަންއެވެ.

މި މުބާރާތުގައި ވީހާ ވެސް ގިނަ ބިދޭސީން ބައިވެރިކޮށްދިނުމަކީ އަދި ބައިވެރިވުމަކީ ދިވެހިބަހުގެ އެކަޑެމީ އާއި ވީޓިވީގެ ވަރަށް ބޮޑު އެދުމެކެވެ. މިހާރު ވެސް މި މުބާރާތަށް ބޮޑު ތަރުހީބެއް އެބަ ލިބެއެވެ.