ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ތިން ވައުދުފުޅެއް ވެވަޑައިގެންފިއެވެ.
މިނިސްޓަރ މި ވައުދުތައް ވެވަޑައިގެންނެވީ މިއަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަމިޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަލުގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީ) ގައިވާ ކަންކަން އިތުރަށް ތަންފީޒްކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނައުމުގެ މަގުސަދުގައި ބާއްވާ ސަމިޓެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސަމިޓްގެ ބައިވެރިން އެކި ވައުދުވެފައިވާއިރު، 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވަނީ ވެފައެވެ.
ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެންގެ ހައްގުގައި މިނިސްޓަރު ތިން ވައުދެއް ވެވަޑައިގެންނެވިއެއެވެ.
އެއީ، އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ހާސިލުވުމަށް މަގުފަހިވާނެ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރެވިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށް ވުރެ ފަސޭހަކަމާއެކު އެމީހުންނަށް ވާސިލުވެވޭގޮތަށް ފޯރުކޮށްދިނުމާއި، އަދި، އެމީހުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
އިންޓަނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައިޑީއޭ) އަދި ނޯރވޭގެ ސަރުކާރުން ގާނާގެ ސަރުކާރާއި ގުޅިގެން މި ސަމިޓް ބާއްވާފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ވަރޗުއަލްކޮންނެވެ.