ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ގޭބިސީތަކުން އުފެދޭ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސަރަހައްދުގައި އިތުރު ޑަސްބިންތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބަހައްޓައިފިއެވެ.

އަންދާޒާ ކުރާގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ޓަވަރުތަކުން ކޮންމެ ޓަވަރެއްގައި 2500 ވަރަކަށް މީހުން އުޅޭނެއެވެ. އެއީ ރާއްޖޭގެ ހެޔޮވަރު ބޮޑު ރަށެއްގެ އާންމު އާބާދީއެވެ. އެހެން ކަމުން ރަށަކުން އުފެދޭވަރަށް ކޮންމެ ޓަވަރަކުން ކުނި އުފެދޭއިރު، ކުނި މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށް އެސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެއެވެ.

އެޗްޑީސީން ބުނީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިތުރު ޑަސްބިން ބަހައްޓާފައިވަނީ، އެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި، ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަކުރުމުގެގޮތުންނެވެ.

ގޭބިސީތަކުން އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް ހާއްސަ 30 ޑަސްބިނެއް މީގެކުރިން އެޗްޑީސީން ވަނީ ބަހައްޓާފައެވެ. އެފަހަރު ޑަސްބިންތައް ބަހައްޓާފައިވަނީ ހިޔާ-05، ހިޔާ-08، ހިޔާ-09، ހިޔާ-12، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަހައްދުގައެވެ.

ނަމަވެސް ޑަސްބިންތައް ފުރި، ޑަސްބިނުން ބޭރުގައިވެސް ކުނި ބަހައްޓާކަން ފާހަގަ ކުރެވިފައިވާތީ މިހާރު އަނެއްކާވެސް އިތުރު 30 ޑަސްބިނެއް ހަމަ އެ ސަރަހައްދުތަކުގައި ވަނީ ބަހައްޓާފައެވެ.

އެޗްޑީސީން ބުނީ މި ޑަސްބިންތަކަށް އެއްކުރާ ކުނި، ކޮންމެ ދުވަހަކުވެސް ވެމްކޯއިން އުކާލާނެކަމަށެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވާން ފެށުމާއެކު، ކުނީގެ މައްސަލަތައް އެސަރަހައްދުތަކުގައި ވަނީ އިތުރުވެފައެވެ. އަދި ދުވަހުން ދުވަހަށް ކުނި އުކާނުލައި ކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެޗްޑީސީން ވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ޓަވަރަކާއި އެންމެ ގާތް ސަރަހައްދެއްގަ ބަހައްޓާފައިވާ ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް މީގެ ކުރިންވެސް އަންގާފައެވެ. ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:00 ދެމެދުގެ ވަގުތުގައެވެ.

އެހެންކަމުން ފްލެޓްގައި ދިރިއުޅޭ މީހުންނާއި މަސައްކަތް ކުރަމުންދާ މީހުން ގަޑިއަށް ސަމާލްކަންދީ ކަނޑައެޅިފަވާ ވަގުތުގެ ކުރިން ޑަސްބިންތަކަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި ހިޔާ ފްލެޓްގެ އެއްވެސް ތަނެއްގެ އެތެރޭގައާއި، ފްލެޓް ހިމެނޭ ސަރަހައްދު ތަކުގަވެސް ގޭބިސީން އުފެދޭ ކުނި ނުބެހެއްޓުމަށް ފްލެޓްތަކުގެ ވެރިންނަށް ވަނީ އަންގާފައެވެ. އަދި ފްލެޓްތައް ހިމެނޭ ސަރަހައްދަކީ ސާފު، ދުޅަހެޔޮ ތަނަކަށް ހެދުމުގައި އެންމެންގެ އެއްބާރުލުން ދިނުމަށް އެޗްޑީސީން އެދެއެވެ.

އެޗްޑީސީން ބުނީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިތުރު ޑަސްބިން ބެހެއްޓީ އެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި، ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަ ކުރުމުގެގޮތުން ކަމަށެވެ.

އަދި ހިޔާަ އަކީ ސާފު، އަމާން ތަނަކަށް ހެދުމަށް ކުރާމަސައްކަތުގައި އާންމުންގެ އެހީ އާއި އެއްބާރުލުން މުހިންމު ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިގޮތަށް ޑަސްބިންތައް ބަހައްޓާފައި ހުރިނަމަވެސް ހިޔާ ސަރަހައްދުގެ އެކި ދިމާދިމާލުގައި ކުނި ފުނިފުންޏަށް ޖަމާކޮށްފައި ހުންނަ މަންޒަރު ފެނެއެވެ.