ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް، ކޯޓު އުފައްދާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ކޯޓު އުވާލުމަށް ނިންމައިފިއެވެ.

2012 ވަނަ އަހަރު ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމުން، އެކަމަކީ ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެ ދުވަސްވަރު ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް، 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ ކޯޓަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށް ކަނޑައަޅައިފައެވެ. ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާ ބިނާކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ އަދި ހަގީގަތާއވެސް ޚިލާފަށް ކަމަށް ބުނެ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅި ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު ކޯޓުން ވަނީ އެ މައްސަލަ ނުބެލުމަށް ނިންމާފައެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ ނިންމުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށެވެ.

އެކަމާއި ގުޅިގެން ބަންޑާރަ ނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ކޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އުފެއްދި ތަނެއް ކަމަށާއި، ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި މިކަމަކީ "ފާޅުކަން ބޮޑު ބޭއިންސާފެއް" ކަމަށް ސިފަ ކުރައްވައި އެކަން ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މާލޭގައި އުފައްދާނީ ސުޕީރިއާ ކޯޓުތައް ކަމަށާއި، ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. އަދި، ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެވެސް ހިމެނޭ ގޮތަށް ކަމަށް ވީއިރު، ހުޅުމާލެ އަދި ވިލިނގިއްޔަކީ އިދާރީ ވަކި ރަށެއް ނޫން ކަމަށް ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެއީ މާލޭގެ އަވަށް އަވަށަށް ވީހިނދު މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުކޮށް، މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފުނުވެ ކުރެވޭނެ ކަމެއް ނޫން ކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓުގެ ނިޔާ މުރާޖައާކޮށްދެވެން ނެތް ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށް އެކޮމިޝަނުން ބުނެއެވެ.