ދިވެހިބަހާ ނުލައި ދިވެހިވަންތަކަން ފުރިހަމަ ނުވާނެއެވެ. ދިވެހިބަހާމެދު ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރި ވާނެއެވެ. އަމިއްލަ ވަޒަނަކާއި އަމިއްލަ ބަހެއް އޮތުމަކީ ހަމަ ގައިމުވެސް ދެބަސްވެވެން ނެތް ބޮޑު ނަޞީބެކެވެ. ކޮންމެ ބަޔަކަށްވެސް އަމިއްލަ މާދަރީބަހެއް އޮތުމަކީ ނިޢުމަތެކެވެ. އުފަލެކެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން މިއަދު މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަމުން އެބަދެއެވެ.
ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް، މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ބަހުގެ މުހިއްމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމަށެވެ. ބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.
ނޮވެމްބަރ 1999 ގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްގައި ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން 2000 ވަނަ އަހަރުން ފެށިގެން މާދަރީބަހުގެ ދުވަސް މުޅިދުނިޔޭގައި ދަނީ ފާހަގަކުރަމުންނެވެ.
އޮކްސްފޯޑް ޔުނިވަރސިޓީން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 7099 ބަހުން ވާހަކަދައްކަމުން އެބަގެންދެއެވެ.
އޭގެ ތެރޭގައި ދިވެހީން ވާހަކަދައްކާ ދިވެހިބަސް ވެސް ހިމެނެއެވެ. ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ 100 އިންސައްތަ މީހުން ވާހަކަދައްކާ ބަހެވެ. ދިވެހީންގެ އިތުރުން ދިވެހިބަހުން ވާހަކަދައްކާ ބަޔަކަށް އުޅެނީ ހަމައެކަނި އަވަށްޓެރި މަލިކުގެ މީހުނެވެ. އަދި ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންވެސް އެމީހުންގެ ފެންވަރުން ކޮންމެވެސް ވަރަކަށް މުއާމަލާތް ކުރުމުގައި ދިވެހި ބަސް ބޭނުންކޮށް އުޅެއެވެ.
ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބަހެއް އުވިގެން ހިނގައިދާނީ މައިގަނޑު ދެ ސަބަބެއް މެދުވެރި ވެގެންނެވެ. އެއްކަމަކީ ޤުދުރަތީ ކާރިސާއަކުން އެ ބަހެއްގެ އަހުލުވެރީން އެކުގައި ނެތިގެން ދިޔުމެވެ. ދެވަނަ ސަބަބަކީ އެ ބަހެއްގެ އަހުލުވެރީންގެ އާބާދީ މަދުވުމެވެ. މަދު އާބާދީއެއްގައި ވާހަކަދައްކައި އުޅޭ ބަހަކަށް އެހެން ބަހެއްގެ ނުފޫޒު އިންތިހާއަށް ފޯރާން ފަށައިފިނަމަ އެ ބައެއްގެ މާދަރީބަސް އުވިގެން ދިޔުމުގެ ފުރުޞަތު އޮންނާނެއެވެ.
ކުރިން ވެސް ބަޔާންކުރި ފަދައިން، ބުނެވޭ ގޮތުގައި، ދުނިޔޭގައި ވާހަކަ ދައްކައިއުޅޭ 7099 ބަސް ވެއެވެ. އޭގެތެރޭގައި ގިނަވެގެން އެންމެ 10 މީހުން ވާހަކަ ދައްކާ 899 ބަސް ވެއެވެ. 1000 އަށްވުރެ މަދު މީހުން ވާހަކަ ދައްކާ 2000 ބަސް ވެއެވެ. އެހެންވީމާ މި ދެ ބައިގެ ތެރޭގައިވެސް ދިވެހި ބަހެއް ނުހިމެނެއެވެ. ދިވެހިބަހުން ވާހަކަ ދައްކާ ތިން ލައްކައަށްވުރެން ގިނަ މީހުން އެބަތިއްބެވެ. އެހެންވެ، އެ ބަސްތަކަށް އޮތް ބިރެއް ދިވެހިބަހަކަށް ނެތެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަދި ދިވެހިބަހުގެ އުސްތާޛު ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ދިވެހިބަސް ނެތިދާނެކަމަށް ދޭހަވާ މޭރުމުން ދެކެވޭ ވާހަކަތަކަކީ ސީދާ ބުހުތާނު ދޮގެވެ. ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޑރ. އަޝްރަފް ވިދާޅުވީ، ދިވެހިބަހުގެ އަހުލުވެރީން އެކުގައި ނެތިގެން ދިޔުން ފަދަ ކަމެއް މިންވަރު ނުކުރެއްވުން އެދޭ ކަމަށެވެ. އަދި މަދު އާބާދީއެއްގައި ވާހަކަދައްކައި އުޅޭ ބަހަކަށް އެހެން ބަހެއްގެ ނުފޫޒު އިންތިހާއަށް ފޯރާން ފަށައިފިނަމަ އެ ބައެއްގެ މާދަރީބަސް އުވިގެން ދިޔުމުގެ ފުރުޞަތު އޮންނާނެ ކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވީ ނަމަވެސް، ދިވެހިބަހުން ވާހަކަދައްކާ ތިންލައްކަ އަށް ވުރެ ގިނަ މީހުން ތިބިކަން ދިވެހިބަހުގެ ވިދާރާގެ ރައީސް ފާހަގަކުރެއްވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ، ބޭރު ބަސްބަހުގެ ނުފޫޒު ނުވަތަ އެހެން ބަސްބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތުމުން ބަސްނެތި ދިއުމަށް ވުރެ ބަސް އިތުރަށް މުއްސަނދިވެ ދިރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ދިވެހިބަހުގެ ތެރެއަށް އެހެން ބަސްތަކުގެ ތެރެއިން ލަފުޒުތައް ވަދެ، ދިވެހި ލަފުޒުތަކުގެ ގޮތުގައި ހަރުލާފައި ހުރުމެވެ.
ވީމާ ކައިރި މުސްތަގުބަލެއްގައި ދިވެހިބަސް ނެތިދިއުމުގެ ބިރު އޮތް ކަމަށް ބުނާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަން އެބަ ހާމަވެއެވެ.
ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް މޒ އޯޑްރީ އަޒޫލޭ ވިދާޅުވާ ގޮތުގައި ބަހަވީ ސިންދަފާތަކީ އާންމު މަންފާއަކަށް ވާއިރު، މާދަރީބަހާ ފެއަށް ޖެހުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް އަސަރު ފޯރާ ކަމެކެވެ. ހަމައެހެންމެ، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެކެވެ.
ބަސްބަސް ގެއްލުނަނުދީ ރައްކާތެރިކުރެވިދާނެއެވެ. ސާދާކޮށް ދަންނަވާނަމަ މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދީ ބަހުރުވަތަކަކީ ވެސް އެންމެން ހިއްސާވާ ތަރިކައެއް ކަމުގައި ހެދިދާނެއެވެ.
ކޮންމެއަކަސް، ބަހަވީ ސިންދަފާތު ނެތެމުން ދިއުމުގެ ހިރާސް އިންޓަނެޓުން ކުރިމަތިކުރާ ހިނދު، ފަންނިއްޔާތާ ކުރިއެރުންތަކުގެ ވަސީލަތުން ގިނަ ބަސްތަކަށް މަންފާއެއް ކުރާނީ އަޅުގަނޑުމެން އެކަމަށް ބާރެއް އަޅައިގެންނެވެ. އަމިއްލަ މާދަރީބަސް ދޫކޮށްލުމަކާ ނުލައި، ތަފާތު ބަސްތައް ހޯދައިގަތުމުގެ ބާރު މީހުންނަށް ލިބިދިނުމަށް ޓަކައި، ސުމޭކު އާލާތްތައް އެކި ބަސްބަހުން ފަރުމާކުރުމާއި، އެ ބަސްބަހުން ވަސީލަތްތައް އުފެއްދުމަށް އެހީތެރިވުމާއި، ވިއުގަތަކާ ގުޅުން އިތުރު ކޮށްދިނުމާއި މި ހުރިހައިކަމެއް ކުރާން ޖެހެއެވެ.
ވީމާ އަހަރެމެންގެ މާދަރީބަސް ކަމަށްވާ ދިވެހިބަހާ މެދު، އަދުން ފެށިގެން ފުންކޮށް ވިސްނައި، ބަސް ގެއްލުނަ ނުދީ ގަދަ އަޅާ މަސައްކަތް ކުރަމާތޯއެވެ؟ އަދަކީ ޔަގީނުންވެސް އަމިއްލަ މާދަރީބަހެއް އޮތުމުގެ އުފާ ލިބިގަންނަވީ ދުވަހެވެ.