ދިވެހިބަސް ނެތިދާނެކަމަށް ދޭހަވާ މޭރުމުން ދެކެވޭ ވާހަކަތަކަކީ ސީދާ ބުހުތާނު ދޮގުކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަދި ދިވެހިބަހުގެ އުސްތާޛު ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ، މިއަހަރުގެ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބަހެއް އުވިގެން ހިނގައިދާނީ މައިގަނޑު ދެ ސަބަބެއް މެދުވެރި ވެގެންނެވެ. އެއްކަމަކީ ޤުދުރަތީ ކާރިސާއަކުން އެބަހެއްގެ އަހުލުވެރީން އެކުގައި ނެތިގެން ދިޔުމެވެ. ދެވަނަ ސަބަބަކީ އެބަހެއްގެ އަހުލުވެރީންގެ އާބާދީ މަދުވުމެވެ.

ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހިބަހުގެ އަހުލުވެރީން އެކުގައި ނެތިގެން ދިޔުން ފަދަ ކަމެއް މިންވަރު ނުކުރެއްވުން އެދޭ ކަމަށެވެ. އަދި މަދު އާބާދީއެއްގައި ވާހަކަދައްކައި އުޅޭ ބަހަކަށް އެހެން ބަހެއްގެ ނުފޫޒު އިންތިހާއަށް ފޯރާން ފަށައިފިނަމަ އެ ބައެއްގެ މާދަރީބަސް އުވިގެން ދިޔުމުގެ ފުރުޞަތު އޮންނާނެ ކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވީ ނަމަވެސް، ދިވެހިބަހުން ވާހަކަދައްކާ ތިންލައްކަ އަށް ވުރެ ގިނަ މީހުން ތިބިކަން ދިވެހިބަހުގެ ވިދާރާގެ ރައީސް ފާހަގަކުރެއްވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ، ބޭރު ބަސްބަހުގެ ނުފޫޒު ނުވަތަ އެހެން ބަސްބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތުމުން ބަސްނެތި ދިއުމަށް ވުރެ ބަސް އިތުރަށް މުއްސަނދިވެ ދިރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ދިވެހިބަހުގެ ތެރެއަށް އެހެން ބަސްތަކުގެ ތެރެއިން ލަފުޒުތައް ވަދެ، ދިވެހި ލަފުޒުތަކުގެ ގޮތުގައި ހަރުލާފައި ހުރުމެވެ.

ދުނިޔޭގެ ހުރިހާ ބަހަކަށް ވެސް އެހެން ބަސްބަހުގެ ނުފޫޒު ދަނީ ފޯރަމުން. އެއީ އެއްގޮތަކަށް ވެސް ބަސްތައް ނެތިދިއުމަށް އޮތް ފުރުސަތެއް ނޫން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ބަހެއް ވެސް ހެދިބޮޑުވުމަށް ލިބޭ ފުރުސަތެއް.
ދިވެހިބަހުގެ ވިދާރާގެ ރައީސް އުސްތާޛު ޑރ.އަޝްރަފް ޢަބްދުއްރަޙީމް

ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް، މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދަނީ ބަހުގެ މުހިއްމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމަށެވެ. ބަސް ހިމާޔަތްތެރިކޮށް ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.

ނޮވެމްބަރ 1999 ގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްގައި ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން 2000 ވަނަ އަހަރުން ފެށިގެން މާދަރީބަހުގެ ދުވަސް މުޅިދުނިޔޭގައި ދަނީ ފާހަގަކުރެވެމުންނެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 7099 ބަހުން ވާހަކަދައްކަމުން ގެންދެއެވެ.