ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމުގައިވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިންއަށް މޯލްޑިވްސް ބޯޑަރ މައިލްސްގެ އެންމެ ޝަރަފުވެރި 'އަބާރަނަ ޓިއަރ' އަރުވައިފިއެވެ.

މިއީ މި 'ޓިއަރ' ފަތުރުވެރިޔަކަށް ދެވުނު ފުރަތަމަ ފަހަރެވެ. ޖޯޖިއާ ކޯބިން ވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕަ ޖޯޖް ކޯބިން އާއެކު ރާއްޖެ އައިސްފައެވެ. އެގޮތުން މިއީ ފަތުރުވެރިކަން ފެށުނުއިރު ރާއްޖެއައި އެންމެ ހަގު ފަތުރުވެރިޔާވެސް މެއެވެ.

މި ދެބޭފުޅުންނަށް އަބާރަނަ ޓިއަރ އަރުވާފައި ވަނީ އެބޭފުޅުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ބޭއްވި ހަފްލާއެއްގައި މިނިސްޓަރ އޮފް ހެލްތް، އޮނަރަބަލް އަހުމަދު ނަސީމެވެ.

މިނިސްޓަރ ނަސީމް އާއި ކޯބިން އެންމެ ފުރަތަމަ ފަހަރަށް ބައްދަލުވެފައި ވަނީ 1971 އަހަރު ސްރީލަންކާގެ އެންބަސީއިންނެވެ. އެއަށްފަހު މިދެބޭފުޅުން ވަނީ ދިވެހިރާއްޖެއައް ފަތުރުވެރިކަން ގެނައުމަށްޓަކައި އިސްދައުރެއް އަދާކުރައްވާފައެވެ.

ކޯބިން އާއި އޭނާގެ ދަރިކަނބަލުން ރާއްޖެ ވަޑައިގެންފައި ވަނީ 15 ފެބްރުވަރީ 2022 ގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ފަންސާސް އަހަރު ފުރުމުގެ ރަންޔޫބިލް ފާހަގަ ކުރުމުގެގޮތުން ބާއްވަމުންދާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

ކޯބިން ގެނައި ފަތުރުވެރިންގެ އެންމެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވަނީ 16 ފެބުރުވަރީ 1972 ގައެވެ. މި ގްރޫޕްގައި ބޮޑަށް ހިމެނުނީ ނޫސްވެރިންނާއި ޑައިވަރުންނެވެ. ފަތުރުވެރިންގެ މި ގްރޫޕަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނި، ރާއްޖެއަކީ 'ދުނިޔެމަތީ ސުވަރުގެ' ގޮތުގައި ސިފަކޮށްފައިވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްގެ އަބާރަނަ ޓިއަރ އަކީ ޕްރޮގްރާމުގެ އެންމެ ޝަރަފުވެރި ޓިއަރއެވެ. އަދި މި ޓިއަރގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިލޭ ވީއައިޕީ ސަރވިސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މޯލްޑިވްސް ބޯޑަރ މައިލްސްގެ ޕަރޓްނަރ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ވެސް މި ޓިއަރ ހާސިލްކުރާ މެމްބަރުންނަށް ޙާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ.