އަމިއްލަ ޓީމުކޮޅަށް ތިން ލަނޑުޖަހާ ހެޓްރިކް ހެދުމުގެ ސަބަބުން، ކުޅެން އިތުރަށް ފުރުސަތު ނުދީ ނިއުޒިލެންޑްގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ޑިފެންޑަރު މެއިކޭލާ މޫރ ސަބްސްޓިޓިއުޓްކޮށް ދަނޑުން ބާލައިފިއެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާގެ ގައުމީ އަންހެން ޓީމާއިދެކޮޅަށް ނިއުޒިލެންޑުން ކުޅުނު މިމެޗުގައި މެއިކޭލާ ބައިކޮޅަށް ލަނޑުޖަހާފައިވަނީ ފުރަތަމަ ހާފުގެ 40 މިނެޓުގެ ތެރޭގައެވެ. މެއިކޭލާ ބަދަލުކޮށް، އޭނާ ކުޅެމުންދިޔަ މަގާމަށް އެހެން ކުޅުންތެރިއަކު އެރުވީ އެހާ ހިސާބުންނެވެ.

ހޯމަ ދުވަހު ކުޅުނު މިމެޗުން އެމެރިކާގެ ޓީމު މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ. މީގެތެރެއިން 3 ލަނޑު މެއިކޭލާ ބައިކޮޅަށް ޖެހިއިރު ދެވަނަ ހާފުގައި މެޗުގެ 51 ވަނަ މިނެޓުގައި އޭޝްލީ ހެޗް އެމެރިކާ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވެއެވެ. އަދި އެމެރިކާ އިން މެޗުގައި ޖެހި ފަހުލަނޑު، މެޗުގެ ފުރިހަމަވަގުތުހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެލޮރީއެވެ.

މިމެޗުގައި މެއިކޭލާ ބައިކޮޅަށްޖެހި ފުރަތަމަ ލަނޑަކީ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެމެރިކާގެ ކުޅުންތެރިން އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މެއިކޭލާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑަކީ އޭގެ މިނެޓެއްފަހުން އެމެރިކާގެ ކުޅުންތެރިން ގޯލަށް ޖަހަން މަސައްކަތްކުރި ބޯޅައެއް، މެއިކޭލާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފަހު ލަނޑަކީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި، ފުރަތަމަ ލަނޑެކޭ އެއްގޮތަށް، އެމެރިކާ ކުޅުންތެރިން އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ބައިކޮޅަށް ލަނޑުޖެހުމުގެ ހެޓްރިކް ހެދި މެއިކޭލާ މޫރ- ފޮޓޯ:- ގެޓީ އިމޭޖަސް

ބައިކޮޅަށް ލަނޑުޖެހުމުގެ ހެޓްރިކެއް ހެދުމުގެ ލަދުން މެއިކޭލާ ސަލާމަތް ކޮށްދިނުމުގެ ބޭނުމުގައި އެޓީމުގެ ކޯޗު މެއިކޭލާ ބަދަލުކޮށް އެހެން ކުޅުންތެރިއަކު އަރުވާފައިވަނީ އޭގެ 5 މިނެޓުފަހުންނެވެ.