މިއަދަކީ 2022 ވަނަ އަހަރުގެ އެންމެ ރީތި އެއް ތާރީޚަށް ވުމުން މާލޭގައި ރެކޯޑް އަދަދެއްގެ ކައިވެނި ކުރާއިރު ވަރީގެ 25 މައްސަލައެއް ވެސް ފެމިލީ ކޯޓުގައި ތާވަލް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު "ވަރިވުމަށް އެދުމުގެ" 13 މައްސަލައެއް ތާވަލް ކޮށްފައި އެބައޮތެވެ. "ވަރި ސާބިތުކުރުމުގެ" އަށް މައްސަލައެއް ވެސް މިއަދު ތާވަލް ކޮށްފައި އެބައޮތެވެ.

އޭގެ އިތުރުން "ވަރި ކުރުމަށް އެދުމުގެ" ހަތަރު މައްސަލައެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައި އެބައޮތެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރިގިނަ އެއް ގައުމެވެ. 2014 ވަނަ އަހަރުން ފެށިގެން އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު އޮތީ ދިވެހިރައްޖޭގައެވެ.

2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ މައްޗެވެ. އަދި އެއަށް ފަހު އަހަރަކަށް ފަހު އަހަރެއް މި އަދަދު އައީ މަތިވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުގައި ވާގޮތުން، 2018 ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރިކޮށްފައިވެއެވެ

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވިގެން 2018 ވަނަ އަހަރު ކޮށްފައިވަނީ 5290 ކައިވެންޏެވެ. އަދި 2019 ވަނަ އަަހަރު ކޮށްފައިވަނީ 6509 ކައިވެންޏެވެ. މިއީ އިންސައްތައިން ބަލާނަމަ، 23 އިންސައްތަ މަދު އަދަދެކެވެ.

2021 އަހަރު ފެމެލީ ކޯޓުގައި 2399 ކައިވެނި ކޮށްފައިވާއިރު އެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރު އަދަދެއްގެ ވަރިވެސް މިދިޔަ އަހަރު ކޮށްފައި ވާކަމަށް ފެމެލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ފެމެލީ ކޯޓުގައި 2399 ކައިވެންޏެއް ކޮށްފައި ވާއިރު 1192 ވަރި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ކައިވެނި ކުރި ނިސްބަތަށް ބަލާއިރު އެއީ އެވްރެޖްކޮށް ދުވާލަކު 3 ކައިވެންޏެވެ. ވަރިއަށް ބަލާނަމަ އެއީ ކައިވެނި ކުރި އަދަދުގެ 50 ޕަސެންޓް ވަރިއެވެ.

އެހެންކަމުން މިދިޔަ އަހަރު ކޯޓުގައި ކުރި ވަރި ކައިވެންޏަށް ބަލާއިރު އެ ދެމެހެއްޓުނީ 50 ޕަސެންޓް ކައިވެންޏެވެ.

މިދިޔަ އަހަރު ފެމިލީ ކޯޓަށް އެކި ބާވަތުގެ ޖުމްލަ 2408 މައްސަލަ ހުށަހެޅިއިރު، ކުރީ އަހަރުތަކުން ނުނިމި 2021 އަށް ދެމިގެން އައި 660 މައްސަލައާއެކު ޖުމްލަ 3068 މައްސަލަ އޮތެވެ. އޭގެ ތެރެއިން އަަހަރު ނިމުނުއިރު ޖުމްލަ 2615 މައްސަލަ އެއް ވަނީ ނިންމާފައެވެ. އަދި ނުނިމޭ 453 މައްސަލައެއް އެބައޮތެވެ.