މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސީޓީ (އެމްއެންޔޫ) އިން ހޯމަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

މިޖަލްސާއަކީ ދިވެހި ބަހުގެ އެކެޑަމީ އާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އާޓްސްގެ ގޮފި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާޓްސް (ސިއާ) ގުޅިގެން ބޭއްވި ޖަލްސާއެކެވެ.

މިޖަލްސާގައި ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އާއި ތަރިކަ އާއި ސަގާފަތާބެހޭ ވަޒީރު ޔުމްނާ މައުމޫންގެ އިތުރުން ގައުމީ އުނިވާސިޓީގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ސްކޫލްތަކުގެ ތައުލީމީ ނިޒާމުތަކުގައި ދިވެހި މާއްދާގެ އިތުރުން ދިވެހި ބަހުން ކިޔަވައިދެވޭ މާއްދާތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ގޮތުގެ ވާހަކަ އާއި ދިވެހީންގެ މަސައްކަތްތެރިކަމާއި ދިވެހި ވެށީގެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ މާއްދާތަކާއި ފިޝަރީ ސައިންސް ފަދަ މާއްދާތައް ދިވެހި ބަހުން ކިޔަވައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ ދިވެހިބަހުން ޑިގްރީ ހަދަން މުދައްރިސުން ނޫން މީހުން ނުކުންނަން ޖެހޭ ކަމަށެވެ.

އަދި ދިވެހި ބަހުގެ ޑިގްރީ ހަދަން މުދައްރިސުން ނޫން ބަޔަކު ނުކުންނާނީ ސަރުކާރުގެ މުއައްސަސާތަކުގެތެރެއިން އެއީ ބަލައިގަނެވޭ ސެޓްފިކެޓަކަށް ހެދުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޔުމްނާ ވިދާޅުވީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުންވެސް ޓެކްނޮލޮޖީއާއި ބަހާ އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭކަން އެނގޭ ކަމަށެވެ.

"ޓެކްނޮލަޖީގެ ދާއިރާގެ ބޭފުޅުންނާ އެކު އިތުރު މަސައްކަތްތަކެއް ކުރައްވަން އެބަ ޖެހޭ. ދިވެހި ބަސް ޓެންކޮލަޖީއާ މިއަށްވުރެ ރައްޓެހި ވާން ޖެހޭ,"
ޔުމްނާ މައުމޫން، ވަޒީރު

ދިވެހި ބަސް މިހާރަށްވުރެ ބޮޑަށް ޓެކްނޮލޮޖީއާ ރައްޓެހިކުރުވަން ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުމަށް މިނިސްޓަރު ޔުމްނާ ވަނީ ދިވެހި ބަހުގެ އެކެޑަމީގެ ކިބައިން އެދިވަޑައިގެންފައެވެ.

މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ގިނަބަސް އެނގުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މިއެެވެ.