ގެވެށި ގުޅުމުގެ މައްސަލަތައް ފުރަތަމަ ފެށިގެންދަނީ ގެއާ ހިސާބުން ކަމަށާއި މިކަމަށް އޮންނަ އެންމެ ބޮޑު ހައްލެއްގެ ގޮތުން "ކެއަރިންގ ރޯލް" އަކީ ހަމައެކަނި ގޭގަ އުޅޭ އަންހެންމީހާގެ ޒިންމާއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިފަދައިން ވިދާޅުވީ ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް "ސާސްތުރަ" އިގެ ނަމުގައި ހާއްސަ މަޖައްލާއެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުން ކަމަށްވުމުން ކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި ހަދާ ގާނޫނުތަކާއި ގަވާއިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ، އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

މިކަމަށް އޮންނަ އެންމެ ބޮޑު ހައްލެއްގެ ގޮތުން "ކެއަރިންގ ރޯލް" އަކީ ގޭގަ އުޅޭ ފިރިހެން މީހާއާއި އަންހެން މީހާގެ އިތުރުން ގޭގަ އުޅޭ އެންމެންގެވެސް ޒިންމާއެއްގެ ގޮތުގައި ދެކުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގޭގައި އުޅޭ އެންމެން ފިރިހެން މީހާވެސް އަންހެން މީހާވެސް ކުދިންވެސް އެންމެންވެސް ގަބޫލުކުރަން ޖެހޭ ގޭތެރޭގައި މިއޮންނަ ކެއަރިންގް ރޯލަކީ ހަމައެކަނި އަންހެންމީހާގެ ނޫނިއްޔާ އަންހެން ކުއްޖާގެ އެކަނި ރޯލެއް ނޫންކަން. ގޭގަ އުޅޭ އެންމެން ފިރިހެނުންނާ ހުރިހާ އެންމެން ޝާމިލްވާ ޖެހޭ. ދެން ހަމަ އެއާ އެއްވަރަށް އަންހެންމީހާ ގޭތެރޭގައި އެ ކޮންޓްރިބިއުޓް ކުރާ ލެވެލް ފިރިހެން މީހާ ބަލައިގަންނަން ޖެހޭ. އެއާއިއެކު ގެވެށީ ގުޅުމާއިއެކު ސޮސައިޓީގެ އަންހެނުންގެ ކޮންޓްރިބިއުޝަނާ އަޅުގަނޑަށް ލިންކު ކުރެވެނީ އެހިސާބުން. ގޭތެރޭގަ އިންނަ އަންހެންމީހާ ދައްކާ ވާހަކަތައް ބަލައިނުގަނެ ދެން އޮފީހަށް ގޮސް ތިމަންނަ މިވެނި އަދަދަކަށް އޮފީހަށް އަންހެނުން ލައިފީމޭ ބުނެގެން އެކަން ކުރެވޭނެ ގޮތެއް އަޅުގަނޑުގެ ސިކުނޑިއަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑަށް އެ ލިންކު ކުރެވެނީ ގެވެށި ގުޅުމާއި ސޮސައިޓީއަށް އަންހެނުން ނުކުމެ ކުރާ މަސައްކަތުގަ އަންހެނުންނަށް ލިބެންޖެހޭ އިހްތިރާމާއި ހިސާބުން."
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

އެކަމަނާ ވިދާޅުވީ "ގެވެށިގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އަޅުގަޑުމެން މިއެދޭ ހަގީގީ އަދި މާނަހުރި ބަދަލަކަށް ވާޞިލުވެވޭނީ ހަރުދަނާ ގެވެށި ގުޅުމެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

ފޮޓޯ: ޖެންޑަރ މިނިސްޓްރީ

"ސާސްތުރަ" މިމަޖައްލާއަކީ ގެވެށި އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިމައްސަލައާ ގުޅޭ ތަފާތު މައުލޫމާތު ހިމަނާފައިވާ މަޖައްލާއެކެވެ.

މި މަޖައްލާގައި ގެވެށި އަނިޔާއިން ރައްކާތެރިވެ ތިބުމާއި އެފަދަ އަނިޔާތައް ތަހައްމަލު ކުރަމުންގެންދާ ފަރާތްތަކަށް އެހީތެރިވެދޭ އަދި ގެވެށި ގުޅުން ބަދަހިކުރުމަށް މަގުދައްކައިދޭ ލިޔުންތައް ހިމެނެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާއި ގުޅުންހުރި މުހިއްމު ބައެއް ސުވާލާއި ޖަވާބު އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތުވެސް ހިމަނާފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން ސާސްތުރަ" ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ފާހަގަކޮށްލެވޭ ވާހަކަތައްވެސް މިމަޖައްލާގައި ހިމަނާފައިވެއެވެ.

އަދި ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް ހިމެނެއެވެ. ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވެއެވެ.

"ސާސްތުރަ" މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާއީ މައްސަލަތަކާއި ގުޅޭ އިލްމު ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.

އެގޮތުން މި ރަސްމިއްޔާތުގައި އެ ފަރާތްތަކާއި ސާސްތުރަ މަޖައްލާ ނެރުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ވަނީ މަޖައްލާގެ ކޮޕީއެއްވެސް ހަވާލުކޮށްފައެވެ.

ފޮޓޯ: ރައީސް އޮފީސް

62 ޞަފްހާ އެކުލެވިގެންވާ މިމަޖައްލާ އަކީ ކޮންމެ އަހަރަކު އެއްފަހަރު ޝާއިޢުކުރާ ގޮތަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. މިފަހަރު ނެރެފައިވަނީ މިމަޖައްލާގެ ފުރަތަމަ އަދަދެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ވަނީ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

"ސާސްތުރަ" މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީގެ އިތުރުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.