ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން އަންނަ މާރޗް މަހުގެ 31 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ކެފޭއެއް ތެރޭގައި އިންދާ މޫނު ނިވާކޮށްގެން ވަދެ އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުޙައްމަދު މަފާޒް އާއި، ގއ. ގެމަނަފުށި ހަވާސް، މުޙައްމަދު ކަރަމް ސުހައިލު އާއި، ލ. ގަން ވިދާތަރި، އަލީ ނިފާޒު އަދި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، ޝާމިން އާއި ކަރަމްގެ އިތުރުން ނިފާޒުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެފަރާތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، މައްސަލަ ބައްލަވާ އިސް ގާޟީ ހުސައިން ފާއިޒް ރަޝާދު ވަނީ އެމައްސަލަ ނިންމާލާފައިވާ ކަމަށާއި، މައްސަލަ ދިރާސާކުރުމަށް ފަހު އިތުރު ކަމެއް ފާހަގަކުރެވިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މައްސަލާގައި ދައުވާ ލިބޭ ފަރާތްތައް ބަންދުގައި ބައިތިއްބަން ނިންމުމާއެކު އަންނަ މަހުގެ 31 ވަނަ ދުވަހު ހުކުމްކުރުން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަފާޒު ނަދީމަށް ވަޅިން ހަމަލާދިން މަންޒަރު ފެނުނުކަމަށާއި، މަފާޒާއި ނިފާޒު އަޅައިގެން ތިބި މާސްކު ތިރިވެ މޫނު ފެނިފައިވާތީ ވަޅި ހިފައިގެން އުޅުނީ އެމީހުންކަން ހެކިވެރިން ކަށަވަރުކޮށްދީފައިވާ ކަމަށް ޚުލާސާ ބަޔާނުގައިވެއެވެ. އަދި، މަފާޒު އުޅުނު ސަރަހައްދު ބަލައި ފާސްކުރި ކުރުމުގެ ތެރެއިން އޭނާ މޫނު ނިވައިކުރުމަށް ބޭނުންކުރާ މާސްކު ފެނިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ނަދީމަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގައި އޭނާ ޓާމިނަލް ކެފޭގައި އިންދައެވެ. މިމައްސަލާގައި ހަތަރު މީހުންގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ.