ވަޒީރުންގެ މަޖިލީހުން ޖެންޑަރ އީކުއަލިޓީ ޕްލޭން ފާސްކޮށް، މި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅުއްވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ފާސްކުރައްވައި މި އެކްޝަން ޕްލޭން އެކަށީގެންވާ ގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ވަނީ ކަނޑައަޅާފައެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހުއެވެ.

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ޖެންޑަރ އިކުއަލިޓީ ގާނޫނުން ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ 5 އަހަރުގެ އެކްޝަން ޕްލޭނެކެވެ.

ރައީސް އޮފީހުން ބުނީ މި އެކްޝަން ޕްލޭން ތަންފީޒުކުރެވިގެންދާނީ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކު ކަމަށެވެ. އެގޮތުން، އެކްޝަން ޕްލޭން ތަންފީޒުކުރާ އެކި އިދާރާތަކާއި ޖަމުއިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ކުންފުނިތަކުގެ ފަންނީ އިސް މުވައްޒަފުން ހިމެނޭގޮތަށް ޓެކްނިކަލް ކޮމެޓީއެއް އެކަލަވާލާނެއެވެ.

ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީއެއް އެކުލަވާލާފައިވާއިރު، މި އެކްޝަން ޕްލޭނަކީ މި ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީގެ އަމާޒަކީ ހަމަހަމަ މުޖްތަމަޢެއް ބިނާކުރުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ފުރުޞަތުތަކަށް ވާސިލުވުމުގައި ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމެވެ. އަދި ހުރިހާ އިދާރާތަކުގައި މިންތީގެ ހަމަހަމަކަމާއި ޚިޔާލު އެއްގޮތް ކުރުމަށް މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ.