ރާއްޖެއިން ބަންގްލަދޭޝްގެ ގައުމީ ފުޓުބޯޅަ ޓީމާއި ދެކޮޅަށް ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް މާލޭގައި ކުޅުމަށް ހަމަޖައްސައިފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް، މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ މިކަން ހާމަކޮށް، މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ދެ ފޮޓޯ ހިއްސާކުރައްވާފައެވެ.
އަދި މިމެޗު ކުޅޭނީ އަންނަ މަހުގެ 24 ވަނަ ދުވަހުކަންވެސް ބައްސާމް ހާމަކޮށްފައިވެއެވެ.
ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ފޯ ނޭޝަން ކަޕުގައި ބައްދަލުކުރި މެޗުން ރާއްޖެ ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ މިދިޔަ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މެޗުން ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ރާއްޖެއިން ވަނީ 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދިފަހުން ރާއްޖެ އާއި ނޭޕާލްގެ ގައުމީ ފުޓުބޯޅަ ޓީމުން މެޗެއް ކުޅުމަށް މަސައްކަތް ކުރިއެވެ. ނޭޕާލުން އެގައުމުގައި މިމެޗު ކުޅުމަށް ހުށަހެޅިނަމަވެސް ރާއްޖޭގައި މިމެޗު ކުޅުމަށް ރާއްޖޭގެ އެފްއޭ އިން އެދުމުން، މިކަމުގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އެންމެފަހުން ނޭޕާލުން ވަނީ މޮރީޝިއަސްގެ ގައުމީ ޓީމާއި ދެކޮޅަށް ނޭޕާލުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.
ބަންގްލަދޭޝް އިން ވަނީ މިދިޔަ މަހު އެ ޓީމުގެ ކޯޗަކަށް ސްޕެއިންގެ ހަވިއޭ ކަބްރޭރާ ހަމަޖައްސާފައެވެ. އެއީ 11 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
ބަންގްލަދޭޝް އަކީ މިހާރު ސަރަހައްދީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ގައުމަކަށްވާއިރު، މިއީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ދިއުމުގެ ކުރިން ގައުމީ ޓީމަށް ލިބޭ ރަނގަޅު ފުރުސަތަކަށެ ވާނެއެވެ.