ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގެ ޝެފް ޑި މިޝަން އަކަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން މުޙައްމަދު ހަމަޖައްސައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 އިން 25 އަށް ޗައިނާގައި ކުރިއަށްދާ އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަހަރު އެންމެ އިސްކަމެއްދީގެން ބައިވެރިވާ ގޭމްސް އެވެ. މިހާ ބޮޑު އިސްކަމެއްދީގެން މި ގޭމްސްގައި ރާއްޖެއިން ބައިވެރިވެ، ޗެފް ޑި މިޝަން އަކަށް ހުސެއިން ހަމަޖެއްސިއިރު އޭނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ހުރިހާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ.

މި ޒިންމާ ތަކުގެ ތެރޭގައި ރާއްޖެއިން ގޭމްސްގައި ބައިވެރިވާ އެތްލީޓުންނަށް ހުރުމުގެ އިންތިޒާމްތަކާއި، ދަތުރުކުރުމުގެ ކަންކަން ބެލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ހުސެއިންއެވެ. މި ޒިންމާ ތަކަކީ ހުސެއިން އަށް އައު ޒިންމާތަކަކަށް ނުވާނެއެވެ.

އެގޮތުން ހުސެއިން ވަނީ މީގެ ކުރިން 2010 ވަނަ އިންޑިއާގެ ނިއުދިއްލީގައި އޮތް 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ޗެފް ޑި މިޝަންގެ ޒިންމާވެސް އަދާކޮށްފައެވެ.

ހުސައިން އަކީ އެމްއޯސީގެ އެޑިއުކޭޝަން އެންޑް ކަލްޗާ ކޮމިޓީގެ މެމްބަރެކެވެ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ހުސައިން ވަނީ ދާދިފަހުން ސްރީލަންކާގައި ނިމުނު ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އިސް ޑެލިގޭޓްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ރާއްޖޭގައި ތިބި މަދު އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ ރެފްރީންގެ ތެރޭގައި ހިމެނޭ ހުސައިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދެ ދައުރު އަދާކުރައްވާފަ އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ހުސައިން އަކީ ދުނިޔޭގެ އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެއެވެ.