ހައްޔަރުކުރުމާއި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިހްތިސާސް ލިބިގެންނުވާ ކޯޓަކުން ނެރޭ އަމުރެއްގެ މައްޗަށް ބިނާކޮށް ހޯދާ ހެކި ގާނޫނާ ޚިޅާފުވިނަމަވެސް، އެހެކިތައް ބަލަިގަނެވޭނެ އިސްތިސްނާ ހާލަތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިފަދައިން ކަނޑައަޅާފައިވަނީ އެ ކޯޓުން ބެލި ތިން ގަޒިއްޔާއެއްގައެވެ. އެތިން މައްސަލަވެސް ބަލައި ހުކުމްކޮށްފައިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ފުލުހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އަމުރެއް ހޯދައި، ތިން މީހަކު ހައްޔަރުކުރުމަށްފަހު، އެމީހުންގެ ގެތައް ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް، އެފަދަ އަމުރުތައް ނެރުމުގެ އިހްތިސާސް ހުޅުމާލެ ކޯޓަށް ލިބިގެން ނުވާކަމަށް މަތީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާތީ، އެ މައްސަލައިގައި ހިމެނޭ އަހްމަދު ރަޝީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

ހައި ކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކުރުމާއި ގުޅިގެން އޭނާ ބަންދުން ދޫކޮށްލިއެވެ.

ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތަށް ބާރުދޭ ހެކިތައް ފެނިފައިވާތީ، ދައުލަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު އަހުމަދު ރަޝީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއެވެ.

ހުޅުމާލެ ކޯޓުގައި އެމައްސަލައިގެ އަޑުއެހުންތައް ފެށުމާއެކު އޭނާ ވަނީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއްގެ މައްޗަށް ފުލުހުން ކުރި ތަހުގީގަށް ބަރޯސާވެ ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ.

ދައުވާ ލިބޭ ފަރާތުގެ ވާހަކައަށް ތާއީދުކޮށް، ހުޅުމާލެ ކޯޓުންވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ.

ހައި ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ގާނޫނާ ހިލާފަށް ހޯދާ ހެކިތައް ބޭނުން ކުރެވޭނެ ހާލަތްތަކެއް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ގާނޫނާ ޚިލާފަށް ހެކި ހޯދާ ބަލައިގަނެވޭނެ ހާލަތްތައް

  • މުސްތަގިއްލު ތިންވަނަ ފަރާތަކުން / އެހެން ތަހުގީގަކުން ލިބޭ ހެކި
  • ގާނޫނާ އެއްގޮތަށް އަމަލުކުރި ނަމަވެސް ފެންމަތިނުވެ ނުދާ ހެކި
  • ގާނޫނު ތަންފީޒްކުރާ ފަރާތުގެ ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެކި

އެކަންކަމަށް ރިއާޔަތްކޮށް އެމައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ހުޅުމާލެ ކޯޓުން އަމުރެއް ހޯދައިގެން އަހުމަދު ރަޝީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ.

މީހެއްގެ އަސާސީ ހައްގުތަކާ ގުޅުމެއްނެތް، އަދި މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނެ، ގޯސް ރަނގަޅު ކުރުމުގެ ފުރުސަތު އޮތް އިޖުރާއީ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުސަތު ގާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ދިނުމަކުން މައްސަލައެއް ނެތްކަމަށް ހުކުމުގައިވެއެވެ.

މީގެއިތުރުން، ކޮންމެ އިޖުރާއީ ގޯހަކީ އެކަމުގެ ސަބަބުން މައްސަލައިގެ މައުލޫއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށާއި، ހިލާފުވި އިޖުރާއަތަކީ ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް އިޖުރާއަތެއްނަމަ އެ ފުރުސަތުދީ، އިޖުރާއަތު ރަނގަޅު ކުރެވިދާނެ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ފުލުހުން ހިލާފުވި އިޖުރާއަތަކީ އަލުން ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއް ނޫންކަމަށް ވިޔަސް ފުލުހުން އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާތީ، އެއީ ގާނޫނާ ހިލާފަށް ހޯދި ނަމަވެސް ހެކި ބަލައިގަނެވިދާނޭ އިސްތިސްނާ ހާލަތެއް ކަމަށްވާތީ، އަހުމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުން ބާތިލުކުރާ ކަމަށް ބުނެފައިވެއެވެ.

މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.