ދާއިމީ ސުލްހަވެރިކަން ކަށަވަރު ކުރެވޭނީ އދގެ ޗާޓަރާއި، ޗާޓަރުގެ މަގްސަދުތަކާއި، އުސޫލުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށް އދގެ އާންމު މަޖިލހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ރަޝިއާއިން ޔުކްރޭންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއި ގުޅިގެން އދގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމައްސަލައަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ފާއިތުވި 76 އަހަރު ތެރޭގައި ދުނިޔެއިން ދަސްވި ފިލާވަޅަކީ ޚިޔާލު ތަފާތުވުންތައް ހައްލުކުރެވެނީ އަސްކަރީ ބާރު ފޯރުވައިގެން ނޫން ކަމަށާއި، ސިޔާސީ މަޝްވަރާތަކުން ކަމަށެވެ.

އެގޮތުން މިމައްސަލަވެސް ހައްލުކުރެވޭނީ ސުލްހަ އިސްކޮށް މަޝްވަރާ ވަރުގަދަ ކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުން" ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ އިބާރާތަކީ އދ. އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

އަދި، އދގެ ޗާޓަރުގެ 1 ވަނަ މާއްދާގައި، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި އަދި އަދުލު އިންސާފާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި، އޭގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ހައްލުކުރުމަށް އދގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވީތީ، ގާނޫނުގެ ހުކޫމަތާއި އެއްގޮތްވާގޮތުގެ މަތީން އަމަންއަމާންކަން ދެމެހެއްޓުމަކީ އދގެ އެއް މަގްސަދުކަމަށް ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރީ ވެހިކަލްތަކެއް އެއްގަމު މަގުން ޔޫކްރެއިންގެ މަގަކުން ދުއްވަނީ:
ދެބަސްވުންތައް ހައްލުކުރަން ބޭނުންވާވަސީލަތް އަޅުގަނޑުމެން ރުކުރުވާލަމާތޯއެ! ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދެމާތޯ؟ ސުލްހައަށް ހައްގުވާ ހުރިހާ ފުރުޞަތެއް އަޅުގަނޑުމެން ދޭމާތޯ؟
އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

މީގެއިތުރުން، އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިސާދީ ނިކަމެތިކަމާއި، ހަނގުރާމައަށް ފަހު އިގްތިސާދު ރުޖޫއަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިންއަށް ވަދެގަނެފައިވާއިރު، ޔޫކްރެއިންގެ އިރުމަތީ ދެ ސަރަޙައްދެއް މިހާރު ވަނީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިންއަށް ހަމަލާތައް ދޭން ފެށުމާ ގުޅިގެން މުޅި ދުނިޔެއިން ދަނީ އެކަން ކުށްވެރި ކުރަމުންނެވެ.