މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 251،000 އިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 251،339 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް 39،660 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 28،569 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ޖަރމަނީ، އިންޑިޔާ، ޔޫކްރެއިން، އިޓަލީ އަދި ފްރާންސެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،164 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.
މީގެތެރޭގައި ހިމެނެނީ، 167 ރިސޯޓާއި، 844 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީއެވެ. މިއީ 54،178 ބެޑް ކެޕޭސިޓީއެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެ ގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 97.6 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.