ރައީސް ޔާމީން ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅުނު މެމްބަރުންގެ ކޮލިޓީ އެނގިވަޑައިގެން ހުންނަވާ އެ ބޭފުޅުންނަށް ފާޑުވިދާޅުމަކީ ހައިރާންވާވަރު ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން މިހެން ވިދާޅުވީ ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓެއް ގައުމަށް ޣައްދާރުވެފައިވާ އެއްވެސް ސިޔާސީ ލީޑަރަކަށް ނުލިބޭނެ ކަމުގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

އަލީ ސާލިހް ވިދާޅުވީ ރައީސް ޔާމީން ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅުނު މެމްބަރުންގެ ކޮލިޓީ އެނގިވަޑައިގެން ހުންނަވާ އެ ބޭފުޅުންނަށް ފާޑުވިދާޅުމަކީ ހައިރާންވާވަރު ކަމެއް ނޫން ކަމަށާއި ޖޭޕީއަށް އެ ބޭފުޅުން ގުޅުމަށްފަހު މިނިވަންކަމާއެކު ހިންގުމުގެ ދާއިރާގަ ބަސް ބުނުމުގެ ފުރުސަތު އެ ޕާޓީން ފަހިކޮށްދީފައިވާ ކަމަށެވެ.

އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު އޮނަރަބަލް ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުމަށް ކަމަށާއި އަދި ޖޭޕީއަކީ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ ޕާޓީއަށް ހެދުމަށް ކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވާން ކުރީގެ ރައީސް ޔާމީނަށް ކެރުނީތީ ހައިރާންވަން. ޔާމީންގެ ވެރިކަން ފުރިހަމަ ވޯޓަކުން ބަދަލުވެގެން ދިޔައީ ގާސިމްގެ އެއްބާރުލުމާއިއެކު ކަން ފެންނަން އޮތް ފަދައިން ޔާމީނަށް ވެރިކަން ލިބުނީވެސް ގާސިމް ތާއީދު ކުރެއްވީމަ."
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް

އަލީ ސާލިހް ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން ގާސިމަށް ތާއީދު ކުރައްވާ އަދި އެ ތާއީދު އޮތް މިންވަރު ޔާމީނަށް ފެނިވަޑައިގަންނަވާ ލެއް ބޮޑުކަމުން ރައީސް ޔާމީން ގާސިމަށް ފާޑުވިދާޅުވާން ފެށްޓެވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އަދި ޕީޕީއެމްގެ ޓިކެޓެއްގަ ގާސިމް އިބްރާހީމް ރިޔާސީ އިންތިޚާބެއްގަ ވާދަނުކުރައްވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓެއް ގާސިމަށް ނުލިބޭނެ ކަމަށާއި އެހެން ދައްކާ ވާހަކަ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

އަދި ޕީޕީއެމް، ޕީއެންސީ އޮތީ ބަދަހިކޮށް، މިޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް އެޕާޓީގެ ޓިކެޓެއް ނުލިބޭނެކަން ޔާމީން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.